ގައްސާން ޑިފެންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި

ޑިފެންސް މިނިސްޓަރުކަމުން ގައްސާން މައުމޫން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. 
ވީ ކިހިނެއް؟ - ގައްސާން އިސްތިއުފާ ދެއްވާފައި މި ވަނީ، ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ކެބިނެޓާއި ކުންފުނިތަކުގެ ވެރިންގެ މަގާމުތަކަށް ބަދަލު ގެންނަން ފަށާފައިވަނިކޮށެވެ.
މިހާތަނަށް ކެބިނެޓު ވަޒީރުންގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދިވެސް ބައެއް އެހެން ވަޒީރުން މަގާމުން ވަކިކުރި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް ކަށަވަރެއް ނޫނެެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ގައްސާން ވަނީ ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުން، އިސްތިއުފާ ދެއްވާފަ އެވެ.
ގައްސާން ޑިފެންސް މިނިސްޓަރަކަށް އައްޔަންކޮށްފައި ވަނީ މި ސަރުކާރުގެ ފުރަތަމަ ދުވަހު 17 ނޮވެމްބަރު 2023ގަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ގައްސާނަކީ ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމްގެ ދަރިކަލުންނެވެ. މިދިޔަ އިންތިހާބުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި މައުމޫން ހުންނެވީ ރައީސް މުހައްމަދު މުއިއްޒުގެ ސްޓޭންޑާ ދެކޮޅަށް، ދެ އިންތިހާބު އެކުގައި ބާއްވަން ނުފެންނަ ކަމަށް ބުނި ފަޅީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ