ސަރުކާރާއެކު އައްޑޫ ހިންގާލެވޭނީ ޕީއެންސީ ކެންޑިޑޭޓުންނަށް

ސަރުކާރާއެކު އައްޑޫ ސިޓީ ހިންގާލެވޭނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ރޭ ބޭއްވި "ދަ ގްރޭޓާ އައްޑޫ ޝޯ" ގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ އައްޑޫ ކައުންސިލަށް ބަދަލެއް ގެންނަންޖެހޭ ކަމަށާއި މިއަށް ވުރެ ރަނގަޅު ހިންގުންތެރި ކައުންސިލެއް އައްޑުއަށް ހައްގުވާ ކަމަށެވެ. އެގޮތުން ރައްޔިތުންނާއެކު ކުރިއަށްދާނެ ވެރިންތަކެއް އައްޑުއަށް ހައްގުވާ ކަމަށާއި ސިޔާސީ ގޮތުން ކުލަ ތަފާތުވުމުން ކަންކަން ނުކުރާނެ ކަމަށް ބުނާ މީހުން އައްޑުއަށް ބޭނުން ނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރާއެކު ހިންގާލެވޭ ވަރުގެ ކުޅަދާނެ ގާބިލު ޓީމެއް ބޭނުންވަނީ. މިއޮތް ޓީމަކީ އެ ޓީމު. މާތްﷲގެ އިރާދަފުޅާއެކު ތި ހުރިހާ ބޭފުޅުންގެ މަސައްކަތުން އަޅުގަނޑުމެންނަށް މާދަމާ އޮންނަ ވޯޓުގައި މި ކައުންސިލްގައި ތިއްބަވާނީ ޕީއެންސީގެ ބޭފުޅުން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ހުންގާނެއް ނެތް ގޮތަށް އައްޑޫ ކައުންސިލް ހިންގާތާ 15 އަހަރަށް ފަހު ޕީއެންސީން މިފަހަރު ނިކުތީ ކުޅަދާނެ މާލިމީއަކާއެކު ވިޝަނަކާއެކު ކަމަށެވެ. ކައުންސިލަށް ކުރިމަތިލައިގެން މިފަހަރު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ވިޝަނެއް ނެތް ކަމަށާއި ރައްޔިތުން ވަނީ ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ވިޝަން ބަލައިގެންފައި ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
އައްޑޫ ކައުންސިލްގައި އެއް ބަޔަކަށް 15 އަހަރު ވަންދެން ފުރުސަތު ދެވިފައިވާއިރު އެމްޑީޕީން އަދިވެސް ދައްކަނީ މި ސަރުކާރަށް ދެ އަހަރުތެރޭ ކަންކަން ނުކުރެވޭ ވާހަކަ ކަމަށް އިހުސާން ވިދާޅުވި އެވެ.
"މިދިޔަ 15 އަހަރު ކަމެއް ކުރެވުނުތޯ؟ ސަރުކާރަށް ދެ އަހަރު ކަންކަން ނުކުރެވޭތީ ޕީއެންސީއަށް ވޯޓުނުލާށޭ ދަންނަވާއިރު، 15 އަހަރު ކަންކަން ނުކުރެވި އޮންނާތީތާ މި ކަންކަން ކުރުވަން އަޅުގަނޑުމެން ކައިރީ މި އެދެނީ. މިއަދުގެ ސަރުކާރުގައި މި އެދެނީ އެހެންވެގެން ނޫންތޯ. މި ހުރިހާ ކަމެއް ކޮށްފައި ހުރި ނަމަ މިއަދު މި ވާހަކަ ދައްކާކަށް ނުޖެހޭނެ ނޫންތޯ،" އިހުސާން ވިދާޅުވި އެވެ.
އައްޑުއަށް ބަދަލެއް ގެންނަން ޖެހެނީ 15 އަހަރުން ކަންކަން ނުވުމުން ކަމަށާއި ސަރުކާރާއި ފައިހަމަކޮށްގެން މަސައްކަތް ކުރާނެ މޭޔަރަކާއި ކައުންސިލެއް އޮތުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ