ބަންކު ބެޑެއް ވިއްކާނެ ކަމަށް ބުނެ ސްކޭމް ޖެއްސި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓް ޕްލޭސްގައި ބަންކު ބެޑެއް ވިއްކާނެ ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދައި, އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށްގެން ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ހަސަން ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސްގައި ބަންކު ބެޑެއް ވިއްކާނެ ކަމަށްބުނެ މީހަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެ މީހާ އަތުން ފައިސާ ހޯދައި، އެހެން މީހެއްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި ހައްޔަރު ކުރި ހަސަނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާ އެ ފައިސާ ނަގާފައިވަނީ ވޯކްޕާމިޓް އޮންނަ މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ބުނީ ސްކޭމްކޮށްގެން ހޯދާ ފައިސާ ބިދޭސީންގެ އެކައުންޓަށް ޖަމާކުރުވައި، ދައުރުކުރުވަމުންދާ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ. ބިދޭސީ މަސައްކަތްތެރިއެއްގެ މިފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ މޯލްޑިވްސް އިމިގްރޭޝަނާ އެ މީހަކު ހަވާލުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ