4 މަސް ފަހުން ސްޓެލްކޯއަށް އެމްޑީއެއް، މަގާމަށް 29 އަހަރު ޚިދުމަތްކުރި އަޒްވާރު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްކޮށް އޮތްތާ ހަތަރު މަސް ދުވަސް ފަހުން، އެ މަގާމަށް އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކޮށްފިއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި، ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު މި މަގާމަށް އައްޔަނުކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ. މި މަގާމު ހުސްވީ އެންމެ ފަހުން މި މަގާމުގައި ހުންނެވި، ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯކަމަށް މި ސަރުކާރުގައި ފުރަތަމަ އައްޔަންކުރުމަށްފަހު ވަކިކުރި އަހްމަދު ޝަމާހު، ސްޓެލްކޯއިން ވެސް ވަކިކުރުމުންނެވެ. ޑރ. އަޒްވަރަކީ ހަކަތައިގެ ދާއިރާގައި 29 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަދި އެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން 1997ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގަތް ޑރ. އަޒްވަރު ވަނީ އެ ކުންފުނީގެ ފަންނީ އަދި އިދާރީ އެކި ފަންތީގެ މަގާމުތައް ފުރުއްވާފައެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އަލަށް އައްޔަންކުރި އަޒްވާރު -- އެގޮތުން ސޭލްސް އެންޑް މާކެޓިން، ބިލިން ސާވިސަސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓް ފަދަ ދާއިރާތައް އިސްވެ ހިންގަވާފައިވާއިރު، އެންމެ ފަހުން އޭނާ ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައެވެ. މީގެ އިތުރުން ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.ތައުލީމީ ގޮތުން ބަލާއިރު، ޑރ. އަޒްވަރު ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ވެލިންޓަނުން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. އޭނާގެ ޕީއެޗްޑީ ދިރާސާ ބިނާކުރެއްވީ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފެތުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުން މާސްޓާ އިން ޕަބްލިކް ޕޮލިސީ އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ. ސްޓެލްކޯގެ އިތުރުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ނޮންއެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ޑރ. އަޒްވަރަކީ ބައިނަލްއަގްވާމީ ގިނަ ސެމިނާތަކުން ތަޖުރިބާ ހޯއްދަވައި ތަމްރީނުތަކެއް ފުރިހަމަކުރައްވައިފައިވާ، ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. https://sun.mv/220597 އެންމެ ފުރަތަމަ މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީކަމަށް އައްޔަންކުރެއްވީ އެ ކުންފުނީގައި 27 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ހުސައިން ފަހުމީއެެވެ. ފަހުމީ އެ ކުންފުނިން ވަކިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހެވެ. އެއަށް ފަހު މިނިސްޓަރެއްގެ ފެންވަރުގައި އޭނާއަށް ވަނީ, ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމު ދެއްވައިފައެވެ. ނަމަވެސް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި, އަބްދުލް މަތީން އެ މަގާމުން މި މަހު ކުރީކޮޅު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ފަހުމީ ވަނީ ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ