ނުރައްކާތެރި ކެމިކަލް ރައްކާކުރަން ހަދާ ފެސިލިޓީތައް މި އަހަރު ނިންމަނީ

ނުރައްކާތެރި ކެމިކަލް ރައްކާކުރަން ހަދާ ގުދަންތައް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެެއްތާއި ހަކަތައާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވުޒާރާއިން ވަނީ ކެމިކަލް ކުންޏަކީ އޭގެ ސަބަބުން ތިމާވެއްޓާއި ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ އެއްޗެއްކަން ފާހަގަކޮށްފައެވެ. އެ ގޮތުން، ކެމިކަލް މެނޭޖްކުރުމަށް ވަރަށް ގިނަ މަސައްކަތެއް ކުރަމުން އަންނަ ކަމަށާއި އައްޑޫ ސިޓީގައި ކެމިކަލް ރައްކާކުރާނެ ގުދަނެއް މިހާރު ގާއިމުކޮށްފައިވާ ކަމަށާއި އެ ތަން އޮޕަރޭޝަނަލައިޒްކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށްގެންދެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ. އެ ވިޒާރާއިން ބުނީ، އައްޑޫގައި ގާއިމުކުރާ ފެސިލިޓީއަކީ ކެމިކަލްގެ ބާވަތުން، ބޭރަށް ފޮނުވަންޖެހޭ ކެމިކަލް ސްޓޯކުރުމަށް ނުވަތަ ރައްކާކުރުމަށް ގާއިމުކޮށްފައިވާ ފެސިލިޓީއެއް ކަމަށެވެ. މީގެ އިތުރުން، ރ. ވަންދޫގައި ވެސް ކެމިކަލް މެނޭޖްކުރާނެ ފެސިލިޓީއެއް ގާއިމުކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ. އަދި، އެ ފެސިލިޓީގެ 30 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީގެ މަސައްކަތް ވެސް ނިންމާލުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ވުޒާރާއިން ވަނީ ފެސިލިޓީތަކުގެ މަސައްކަތް ފެށުމުގެ ކުރިން ފްރޮންޓްލައިންގައި މަސައްކަތްކުރައްވާ ވެމްކޯގެ ބޭފުޅުންނާއި ރެގިއުލޭޓްރީ އޮތޯރިޓީތަކަށް ސިލްސިލާ ތަމުރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ. އަދި، ރާއްޖެއަށް ކެމިކަލް އެތެރެކުރުމަށް ބޭނުންކުރާ މަކުޑި ޕޯޓަލް އަޕްޑޭޓްކުރެއްވުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ