މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ސޮނެވާ ނަމޫނާއާއި، ރ. ފައިނު ކައުންސިލާ ގުޅިގެން އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ހިންގުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
2025 ވަނަ އަހަރުން ފެށިގެން އެމްއައިބީން އަންނަނީ، ސޮނެވާ ނަމޫނާއާއެކު ތިމާވެއްޓާ ގުޅޭ މަޝްރޫޢުތަކުގައި އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މީގެ ކުރިން ބ. ގޮއިދޫގައިވެސް ވަނީ، މި ޕާޓްނަރޝިޕްގެ ދަށުން ތިމާވެއްޓާ ގުޅޭ މިފަދަ މަޝްރޫޢެއް ހިންގާފައެވެ.
އެމްއައިބީން މަޢުލޫމާތުދިން ގޮތުގައި މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރ. ފައިނުގައި، ކުނި މެނޭޖްކުރާ ގޮތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން 7 ދުވަހުގެ ވޭސްޓް އޮޑިޓެއް ހިންގައި، ސިސްޓަމެއް ފަރުމާ ކުރުމަށް ބޭނުންވާ ބޭސްލައިނެއް ކަނޑައެޅިގެންދާނެއެވެ. އަދި ކުނި މެނޭޖް ކުރުމަށް ކޮންމެހެން ބޭނުން ކުރަންޖެހޭ މެޝިނަރީތައް އިންސްޓޯލް ކުރުމާއި، އެތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެބޭންކުން ބުނެއެވެ.
މީގެއިތުރުން ވެސް ކުނިން ގަސްކާނާ އުފައްދާނެ ގޮތުގެ މައްޗަށް ބިނާކޮށް ކުރިޔަށް ގެންދާ ޒީރޯ ވޭސްޓް ވޯކްޝޮޕްތައް ފައިނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ހަމަޖަހިފައެވެ. ހަމަ މިގޮތަށް އެންމެނަށް އެނގޭ ބޮޑު ސިއްރުގެ ނަމުގައި މައްސަރު ކަންތައްތަކާއި، ދަރިމައިވުމުގެ ސިއްހަތާ ބެހޭގޮތުން ހޭލުންތެރި ކުރުވުމަށް ބާއްވާ ސެޝަންތައް ވެސް މީގެ ތެރޭގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ބޭންކުން މައުލޫމާތުދެއެވެ.
މިއީ، އެމްއައިބީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން މުޖުތަމަޢުތައް ބާރުވެރިކޮށް، ދެމެހެއްޓެނިވި ތިމާވެށީގެ ތަރައްޤީއަށް އެހީތެރިވެދިނުމަށް އެމްއައިބީން ކުރަމުންދާ މަސައްކަތެއް ކަމަށްވެސް އެ ބޭންކުން މަޢޫލޫމާތުދެއެވެ.
އެމްއައިބީން ފައިނުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ