ސްޓެލްކޯގެ އެމްޑީކަމަށް އަޒްވަރު އައްޔަންކޮށްފި މުވާސަލާތީ ހިދުމަތުގެ އެންމެ އުހުގައި އުރީދޫ ޔާމީން، މުއިއްޒު އަށް:މީޑިއާ ކުށްވެރި ނުކުރައްވާ، އަމަލުތައް އިސްލާހުކުރައްވާ އަންހެން އޮފިސަރުންނަކީ ނާޒުކު މައްސަލަތަކުގެ މުހިންމު ހިއްސާދާރުން މަގުބޫލު ލިޔުންތ

މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން، މީޑިއާތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ ގުޅޭ ގަވާއިދު އެކުލަވާލައި، މިއަދު އަމަލުކުރަން ފަށައިފިއެވެ. މި ގަވާއިދުގެ ދަށުން މީޑިއާތަކުން ފަތުރާ ކޮންޓެންޓާއި ގުޅޭ ޝަކުވާތައް ބަލައި، ގާނޫނާ ހިލާފުވާ ހާލަތްތަކުގައި ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.
މި ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. މައްސަލަ ހުށަހަޅަން ޖެހޭނީ އެ ކޮންޓެންޓެއް ޝާއިއުކުރި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައެވެ.
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މީޑިއާތަކާއި ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެއެވެ. އެގޮތުން ބްރޯޑްކާސްޓަރުންނަށް 50,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި ނޫސް މަޖައްލާތަކަށް 5,000 ރުފިޔާއިން ފެށިގެން 100,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވިދާނެއެވެ.
މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ވަގުތީ ކޮމިޓީއަކުންނެވެ. ފިޔަވަޅުތަކުގެ ތެރޭގައި ކަންކަން އިސްލާހުކުރަން އެންގުމާއި، އާންމުކޮށް މައާފަށް އެދުމުގެ އިތުރުން، މީޑިއާގެ ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް ވެސް ހިމެނެއެވެ.
މި ގަވާއިދާ އެކު، މީޑިއާގެ މިނިވަންކަން ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ފާޅުކުރަމުންނެވެ. މި މައްސަލަތައް ހައިކޯޓަށް ވެސް ހުށަހަޅާފައިވާއިރު، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުމާއި ނޫސްތަކުގެ އޮފީހަށް ފުލުހުން ވަނުން ފަދަ ކަންކަމާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ބޮޑެތި ސުވާލުތައް އުފެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ