ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން އުފައްދާފައިވާ ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އާއި 'އަދަދު'ގެ އެޑިޓަރު ހަސަން މުހައްމަދު މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ. އަދި:
އެ ތަހުގީގަށް އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ރޭ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ކުރިއަށްގެންގޮސް، ނޫސް ހިންގަން ބޭނުންކުރާ އިލެކްޓްރޯނިކް ގިނަ ވަސީލަތްތައް ފުލުހުން ވަނީ ގެންގޮސްފައި
އެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް، ރޭ ވަގުތެއްގައި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ވަނީ އަމުރު ނެރެފައި
ފުލުހަށް ހާޒިރުވުމަށް އަންގައި ފިޔާޒާއި ހަސަންއަށް ފޮނުވި ޗިޓުގައި ސަބަބެއް ކަމަށް ފުލުހުން ބުނެފައި އޮތީ، "ރައީސް މުހައްމަދު މުއިއްޒު ގަޒްފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އައިޝާ ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ" ކަމަށެވެ.
އެ މީހުން ހާޒިރުވުމަށް އަންގާފައި އޮތީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ.
ފިޔާޒާއި ހަސަން ހިމެނޭ ގޮތަށް އަދަދު ނޫހުގެ މައްޗަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ "ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ" އެވެ. ފުލުހުން ހަވާލާދެނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާއަށެވެ.
ފަސްމަންޒަރު - 'އައިޝާ' ޑޮކުއިމެންޓްރީގައި އެ އޮފީހުގެ ސިޔާސީ ވަޒީފާގައި މަސައްކަތްކުރި ކަމަށް ބުނާ އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުގެ މައްޗަށް ބަދުއަހުލާގީ އަމަލުގެ ތުހުމަތު ކޮށްފަ އެވެ. އެ މައްސަލައިގައި:
ޑޮކިއުމެންޓްރީ އާންމު ކުރިތާ ހަތަރު ހަފްތާ ފަހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި 'އަދަދު' ނޫހުން ވަނީ ރައީސް މުއިއްޒުއާ މި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކޮށްފައި؛ ރައީސް ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގު ކަމަށް"
އަދި "ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން" ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި؛ އެއާ އެކު، ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށައި ކޯޓު އަމުރެއް ހޯދި.
ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ