ބައިނަލްއަގުވާމީ ފެންވަރުގައި އެމެރިކާއިން ބޮޑެތި ގޯސްތަކެއް އެބަ ހަދާ: ޖަރުމަނު
ބާލިން (28 އެޕްރީލް 2026): ނޭޓޯގެ މެންބަރު ގައުމުތަކުގެ މެދުގައި ކުރިން އެމެރިކާއަށް އޮތް އިތުބާރު މިހާރު ކުޑަވެފައިވާ ކަމަށް ވިދާޅުވެ، ބައިނަލްއަގްވާމީ ފެންވަރުގައި އެމެރިކާއިން ބޮޑެތި ގޯސްތަކެއް ހަދަމުންދާކަން ދޭހަވާ މޭރުމަކުން ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޝް މޭޒް މަލާމާތުގެ ރާގަކުން އެމެރިކާއާ މުޚާބަތު ކުރައްވައިފިއެވެ. ބާލިންގައި ވާހަކަދައްކަވަމުން މޭޒް ވިދާޅުވީ، އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާނުން އެމެރިކާ ވަރަށް ބޮޑަށް ލަދުގަންނަވާލާފައިވާކަމީ ހަގީގަތް ކަމަށެވެ. "އެމެރިކާގެ މައްސަލައަކީ ހަނގުރާމައިން ނުކުންނާނެ ސްޓްރެޓެޖީއެއް ނެތި އަދި އީރާންގެ ފެންވަރާއި ފަންވަރު ވެސް ރަނގަނޅަށް ވަޒަންނުކޮށް އަވަސް އަރުވާލައިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުން. މިކަމުގެ ނަތީޖާއަކީ މަގުސަދު ހާސިލު ނުކުރެވި ލަދުވެތި ގޮތަކަށް ހަނގުރާމަ މެދުކަނޑާލަން އެމެރިކާއަށް މަޖުބޫރުވުން،" މޭޒް ވިދާޅުވިއެވެ. މީގެ އިތުރުން އެމެރިކާ ބޭނުންވި އެއްވެސް ދުލެއް އީރާން ނުދިނުމާއި އީރާންގެ ކިބައިން ދޫ ލިބޭނެކަމަށް އުންމީދުކޮށް ޓްރަމްޕް ޕާކިސްތާނަށް ފޮނުވި ވަފްދު ހުސް އަތާ އެނބުރި އަންނަން ޖެހުމަކީ ވެސް އީރާނުން އެމެރިކާ ލަދުގަންނަވާލުން ކަމަށް މޭޒް ސިފަކުރެއްވިއެވެ. މޭޒް ވިދާޅުވި ގޮތުގައި އެމެރިކާ އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ނޭޓޯއާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށެވެ. ނަމަވެސް، ހަނގުރާމައިގައި އެމެރިކާއަށް މައްސަލަތައް ކުރިމަތިވެ ނޭޓޯގެ އެހީއަށް އެދުމުން ދެން ނޭޓޯގެ ގައުމުތަކުން އެމެރިކާއަށް އެހީތެރިކަން ދޭނެކަމަށް ހީކުރުމަކީ އެމެރިކާގެ މައްސަލައެކެވެ. ނޭޓޯގެ ދިފާއީ އެއްބަސްވުން ބިނާވެފައިވަނީ ނޭޓޯގެ ގައުމަކުން އެހެން ގައުމަކަށް އިސްވެ ހަމަލާދޭ ހާލަތުގައި ނޫން ކަމަށާއި އެހެން ގައުމަކުން އިސްވެ ނޭޓޯގެ ގައުމަކާ ދެކޮޅަށް އުދުވާން ހިންގުމުން ކަމަށް ވެސް މޭޒް ވިދާޅުވިއެވެ. މިއާ އެކު ވެސް އީރާން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން އެތަން ހުޅުވަން ނޭޓޯގެ އެއްބާރުލުމަށް ޓްރަމްޕް އެދިވަޑައިގަތުމުން ޖަރުމަނުން އެކަމަށް އެއްބާރުލުން ދިނުމަށްޓަކައި އަސްކަރީ މަނަވަރުތައް ފޮނުވަން ޓްރަމްޕަށް ހުށަހެޅި ކަމަށާއި ނަމަވެސް ޓްރަމްޕް މިކަން ފާހަގަނުކުރައްވާ ކަމަށް މޭޒް ވިދާޅުވިއެވެ. މިމޭރުމުން މޭޒް ވާހަކަދެއްކެވި ނަމަވެސް އެމެރިކާ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަސްވަރު މޭޒް ވަނީ އެމެރިކާއަށް ލިބިފައިވާ އަސްކަރީ ގަދަފަދަ ބާރާ އެކު އެމެރިކާ ވަރަށް އަވަހަށް އީރާން ބަލިކޮށްލާނެކަމަށް ވިދާޅުވެ ހަނގުރާމައަށް ހިއްވަރު ދެއްވައި ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ