ފިލްމު 'ތުމްބާޑް 2'ގައި ބަތަލާ އާލިއާގެ ފެނިލުމެއް

މީގެ ނުވަ އަހަރު ކުރިން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބިރުވެރި ފިލްމު "ތުމްބާޑް"ގެ ދެވަނަ ފިލްމުން ބަތަލާ އާލިއާގެ ޚާއްސަ ފެނިލުމެއް ގެނެސްދޭނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މި ޕީރިއަޑް ފޯކް ހޮރޯ ފިލްމު "ތުމްބާޑް 2"ގައި ބަތަލާ ފެންނާނީ ސީދާ ކޮންކަހަލަ ރޯލަކުން ކަމެއް އަދި އެ ރޯލާ ބެހޭ ތަފުސީލު މައުލޫމާތެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އާލިއާގެ ޚާއްސަ ފެނިލުން ހިމެނޭ ސީންތައް ޝޫޓްކުރަން ހަމަޖެހިފައި ވަނީ އިންޑިއާގެ މުމްބާއީގައެވެ. އާލިއާ ފިލްމުގައި ފެންނާނީ ޚާއްސަ ފެނިލުމަކުން ނަމަވެސް ބަތަލާގެ ކެރެކްޓާ އަކީ ފިލްމަށް ވަރަށް މުހިއްމު ރޯލެއް ކަމަށާއި އެއީ ފިލްމުގެ ކުރިމަގު ބިނާކޮށްފައިވާ ކެރެކްޓާއެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެކްޓަރު ސޯހަމް ޝާހް ފިލްމު 'ތުމްބާޑް'ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ އަދޭޝް ޕްރަސާދު ޑައިރެކްޓްކޮށް ގެނެސްދޭ "ތުމްބާޑް 2" އަކީ މީގެކުރިން އިންޑިއާގައި އުފައްދާފައިނުވާ ފެންވަރުގެ ވަރަށް ވަރުގަދަ ބިރުވެރި ފިލްމަކަށްވާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. މި ފިލްމުގައި ލީޑް ރޯލް ކުޅޭނީ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ސޯހަމް ޝާހްއެވެ. ސޯހަމްއާ އެކު "ތުމްބާޑް 2"ގެ ވަރަށް މުހިއްމު ރޯލަކުން ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީ ވެސް ފެންނާނެއެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ. ފިލްމު "ތުމްބާޑް" މީގެ ދެ އަހަރު ކުރިން އަލުން ސިނަމާތަކުގައި ދެއްކުމުން ލިބުނު ބޮޑު ތަރުހީބާ އެކު، ސީކުއަލްއަށް އޮތް އިންތިޒާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ