ޓީސީ ބަލިކޮށް ނިއު އިން 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދައި، އެޓީމަކީ އަދިވެސް ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނުކަން ސާބިތުކޮށްދީފިއެވެ.ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނިއުގެ ފުރަތަމަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ.ޓީސީގެ އޭރިއާ ތެރެއިން އެ ޓީމުގެ ހަސަން އީނާޒް، ސެންޓޭއަށް ކުރި ފައުލަށް ދިން ޕެނަލްޓީ އޭނާ ކާމިޔާބު ކުރީ ވަރަށް އިތުބާރާއެކު އެވެ.ޓީސީގެ ކީޕަރު ޑެނިއަލް އޭބިޔޯއަށް ބޯޅައިގެ މިސްރާބު އޮޅުވާލުމަށްފަހު ސެންޓޭ ފޮނުވާލި "ޕެނެންކާ" ޕެނަލްޓީ މަޑުމަޑުން ގޮސް ވަނީ ގޯލުގެ މެދަށެވެ.ނިއުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނެޓުގައި ނައިޖީރިއާގެ ފޯވާޑް އަލްހާޖީ ޖެރޯ އެވެ. ބްރެޒިލްގެ މިޑްފީލްޑަރު ގިލްޔޭމީ ސިލްވާ ނަގައިދިން ބޯޅަ ޓީސީގެ ކުޅުންތެރިއެއްގެ ފައިގައި ޖެހުމުން ވެސް، ހާޖީ އެ ބޯޅަ ހޯދައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ދަނޑީގައި ޖެހިފައި އެތެރެއަށް ވަނީ އެވެ.ނިއުގެ ތިންވަނަ ލަނޑަކީ ވެސް ސިލްވާ އާއި ހާޖީގެ ހިއްސާއެކެވެ. މެޗުގެ 82 ވަނަ މިނެޓުގައި ސިލްވާ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް، ހާޖީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ވަނީ މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.މި ކާމިޔާބީއަކީ ނިއު ރޭޑިއަންޓަށް ވަރަށް ޚާއްޞަ ކާމިޔާބީއެކެވެ. ސަބަބަކީ 2020 އިން ފެށިގެން ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއްގައި އޮތުމަށްފަހު އެނބުރި އައިސް، ކުޅުނު ފުރަތަމަ އެފްއޭ ކަޕްގައި ބައިކޮޅަށް އެންމެ ލަނޑެއްވެސް ވަނަނުދީ ތަށި އުފުލާލެވުމެވެ.ނިއު އިން އެންމެ ފަހުން ދެ ފަަހަރު ވެސް މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ބަލިކޮށްފަަ އެވެ. އެ ގޮތުން، ނިއު އިން ވަނީ އެންމެ ފަހުން މި މުބާރާތް ކުޅުނުއިރު، 2017 ވަނަ އަހަރުގެ ފައިނަލުގައި 2-2 އިން އެއްވަރުވެގެން، ޕެނަލްޓީގައި 4-2 އިން ޓީސީ ބަލިކޮށްފަ އެވެ އަނެއްކޮޅުން، ޓީސީ މި ވަނީ ޖެހިޖެހިގެން ތިން ވަނަ އެފްއޭ ކަޕް ފައިނަލުން ބަލިވެފަ އެވެ. ކްލަބް ވެލެންސިއާ އަތުން 2016 ވަނަ އަހަރުގެ ފައިނަލުގައި ބަލިވިއިރު، 2017 ވަނަ އަހަރުގެ ފައިނަލާއި މި ފަހަރުގެ ފައިނަލުގައި ނިއު އަތުން ބަލިވީ އެވެ.  މި މުބާރާތާއެކު ދެ އަހަރަށްފަހު ބޭއްވި ރާއްޖޭގެ ފުރަތަމަ ފުޓްބޯޅަ ސީޒަން މިވަނީ ނިމުމަކަށް އައިސްފައެވެ. މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގު މާޒިޔާއިން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ހޯދިއިރު، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ އަލަށް ފުރަތަމަ ޑިވިޝަނަށް ނުކުތް އޮޑި ސްޕޯޓްސް ކްލަބެވެ. އަދި އެންމެ ފަހު ތަށި، އެފްއޭ ކަޕްގެ ޝަރަފް މިވަނީ ނިއު ރޭޑިއަންޓުން ދިފާއުކޮށް، އެޓީމުގެ ސަޕޯޓަރުންނަށް ބޮޑު އީދެއް ގެނެސްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ