ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގާއިމުކުރެއްވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"އަކީ ރައްޔިތުންގެ ބާރާއެކު ވެރިކަން ހިންގުމުގެ މަގުސަދުގައި އުފެއްދެވި އޮފީހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުންގެ ޝުޢޫރުތަކާ އެއްގޮތަށް ވެރިކަން ބައްޓަން ކުރެއްވުމަށް ކަމަށެވެ. އެގޮތުން، މިހާރު ޤާއިމުކޮށްފައިވާ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއަކީ އެމަނިކުފާނުގެ މި މަސައްކަތްޕުޅުގައި އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށާއި މީގެ ސަބަބުން ދައުލަތާއި ސަރުކާރުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިއީ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައިވެސް މުހިންމު އޮފީހެއްކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ އެ އޮފީހަށް ހުށަހަޅާ ޝަކުވާތައް އޭއައި ޓޫލް ބޭނުންކޮށްގެން ވަކި ކުރެވި އެ ޝަކުވާއަކާ ގުޅުންހުރި އިދާރާއަކަށް ޝަކުވާ ފޮނުވައި، އެކަން ހައްލުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. މިގޮތަށް އާންމުން ހުށަހަޅާ ޝަކުވާއަކާ ގުޅިގެން އެ ޝަކުވާއެއް ހުށަހަޅާ އެއްވެސް މީހަކާމެދު ފިޔަވަޅެއް ނޭޅޭނެ ކަމުގެ ޔަގީންކަންވެސް ތަރުޖަމާނު ދެއްވިއެވެ.
"މިސާލަކަށް މިއަދު އަޅުގަނޑުމެންނަށް ލިބެނީ 500 ޝަކުވާ. ރާއްޖޭގެ އެކި ކަންކޮޅުތަކުން. އެކި ކަންކަމާމެދު އެކި މީހުން އެކި ގޮތްގޮތަށް. ލިބުނީމަ އެ ހުރިހާއެއްޗެއް އޭއައި ޓޫލުން އެ ހުރިހާ އެއްޗެއް ވަކިކޮށްލާފައި މިއޮތީ ހައުސިންގ މިނިސްޓްރީއާ ގުޅޭ އެއްޗެކޭ. މިއޮތީ ހޯމް މިނިސްޓްރީއާ ގުޅޭ އެއްޗެކޭ. މިއޮތީ ހޯމް މިނިސްޓްރީއާ ގުޅޭ އެއްޗެކޭ. އަދި ހޯމް މިނިސްޓްރީގެ ތެރެއިން މިސާލަކަށް މި ގުޅެނީ ވަކި އިދާރާއަކާއޭ. އެހާ ހިސާބަށްވެސް ތިލަކޮށްލަނީ. އެހެންވީމަ ޝަކުވާ ލިބެންވީ ފަރާތާއި ޝަކުވާއަށް ޖަވާބުދާރީވާންޖެހޭ ފަރާތް އައިޑެންޓިފައި ކުރެވޭނެ،" ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ ސިޓިޒަންސް ކޮމްޕްލައިންޓްސް ބިއުރޯގެ މަސައްކަތް ކާމިޔާބުވެގެންދާނީ ރައްޔިތުން އެ ފުރުސަތުގެ ބޭނުން ހިފުމުން ކަމަށެވެ. އެގޮތުން، ރައްޔިތުން ހުށަހަޅާ ޝަކުވާތަކަށް ވީހާވެސް އަވަހަށް ޖަވާބުދާރީވުމަށް އެ އޮފީހުން މަސައްކަތް ކުރަމުންދާނެ ކަމަށާއި އެ އޮފީހުގައި މަސައްކަތް ކުރައްވާނީ ފަންނީ ބޭފުޅުން ކަމަށް ވިދާޅުވިއެވެ.
ސިޓިޒަންސް ކޮމްޕްލައިންޓްސް ބިއުރޯ ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ. މި ބިއުރޯ މިދިޔަ ބުރާސްފަތި ދުވަހު ޤާއިމުކޮށްފައިވާއިރު ބިއުރޯގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށޭނީ، މި އަހަރުގެ މެދު ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ. މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މަގުސަދަކީ ރައްޔިތުންގެ ބާރާއެކު ވެރިކަން ހިންގުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ