އީރާނާއި އެމެރިކާ މަޝްވަރާގެ ދެވަނަ ބުރު ބާއްވާނެ ތާރީހެއް ކަނޑަނާޅަން: އީރާން
އީރާނާއި އެމެރިކާގެ ސުލްހައިގެ ފުރަތަމަ ބުރުގެ މަޝްވަރާތައް ވަކިކޮޅެއްގައި ނުޖެހި ނިމިފައިވާއިރު، މަޝްވަރާތަކުގެ ދެވަނަ ބުރެއް ބާއްވާނެ ތާރީޚެއް އަދި ކަނޑަނާޅާ ކަަމަށް އީރާނުގެ ޚާރިޖީ ވަޒީރުގެ ނާއިބު ސައީދު ޚަތިބްޒާދޭ ވިދާޅުވެއްޖެއެވެ. ސައީދު އެގޮތަށް ވިދާޅުވީ އަހަރަކު އެއްފަހަރު ބާއްވާ ތުރުކީގެ ޑިޕްލޮމެޓިކް ފޯރަމްގެ ހަވާސާގައި ވާހަކަދައްކަވަމުންނެވެ. "އޮނިގަނޑަކަށް އެއްބަސް ނުވާހާ ހިނދަކު ތާރީހެއް ކަނޑައެޅޭކަށް ނެތް." ސައީދު ވިދާޅުވިއެވެ. "މިހާރު އަޅުގަނޑުމެން މި ފޯކަސް ކުރަނީ ދެ ފަރާތުގެ މެދުގައި އެއްބަސްވުމުގެ އޮނިގަނޑު ފައިނަލް ކުރުމަށް. ކާމިޔާބު ނުވާނެ ފަދަ މުއާމަލާތަކަށް ނުވަތަ ބައްދަލުވުމަކަށް އަޅުގަނޑުމެން ވަންނާކަށް ބޭނުމެއް ނޫން." ސައީދު ވިދާޅުވިއެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ހަަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާއިރު، އޭގެ ފަހުން ވަރަށް ގިނައިން ޓްވީޓް ކުރައްވާ ކަމަށެވެ. "އެމެރިކާ ފަރާތުން ވަރަށް ގިނައިން ޓްވީޓް ކުރަނީ، ވަރަށް ވާހަކަ ދައްކަނީ. ބައެއް ފަހަރު އޮޅުން ބޮޅުންވޭ،" އޭނާ ވިދާޅުވިއެވެ. ބުދަ ދުވަހުގެ ނިޔަލަށް އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރު ނުކޮށް ހަމަލާތައް ދޭން ފަށަން ޖެހިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރުދެއްވާފައެވެ. މި މަހުގެ 11 އިން 12 އަށް ޕާކިސްތާނުގައި ބޭއްވި މަޝްވަރާތައް ނާކާމިޔާބުވި ފަހުން އަލުން މަޝްވަރާތަަކަށް ދިއުމަށް އެމެރިކާއިން އަންނަނީ ވަރަށް ބޮޑަށް ޕްރެޝާ ކުރަމުންނެވެ. އެ ބައްދަލުވުމުގައި އެއްބަސްވެވުނު ކަންތައްތައް ހުރި ނަމަވެސް އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމާއި، ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ މުހިންމު ހުށަހެޅުންތަކަށް ވަނީ އެއްބަސްނުވެވިއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުން ދިޔަ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި އުޅަނދުތައް ދަތުރުކުުރުމަށް ހުރަސް އަޅާފައެވެ. ސުލްހައިގެ އެއްބަސްވުމަކަށް ނާދެެވުމުން އެމެރިކާއިން ވަނީ ކަނޑުއޮޅި ކޮންޓްރޯލުކޮށްފައި އޮތް އޮތުމަށް ރައްދި ދިނުމުގެ ގޮތުން އީރާނުގެ ބަނދަރުތަކަށް ހުރަސް އެޅުމަށް އެ ސަރަހައްދު ހިސޯރުކޮށްފައެވެ. އޭގެފަހުން އީރާނުން ކަނޑުއޮޅި ހުޅުވާލި ނަމަވެސް އެމެރިކާއިން ހިސޯރު ކުރުން ކުރިއަށްގެންދިއުމުން އީރާނުން އަނެއްކާވެސް ވަނީ ކަނޑުއޮޅި ބަންދުކޮށްފައެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދެމުންދިޔަ ހަމަލާތައް ދެ ހަފްތާއަށް މެދުކަނޑާލާފައިއޮތްއިރު، އެ އެއްބަސްވުމުގައި އިސްރާއީލުން ލުބުނާނަށް ހަމަލާ ދިނުން ހުއްޓާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އިސްރާއީލުން މިހާރު ވަނީ ލުބުނާނަށް ހަމަލާ ދިނުންވެސް 10 ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ