ކުޑަ އަންހެން ކުއްޖަކު ގަހެއްގައި ބަނދެފައި ބެހެއްޓި މައްސަލަ: ދެ ދުވަސް ވީއިރު މީހަކު ހައްޔަރުނުކުރޭ
އުތުރުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލައެއް ފުލުހުން ބަލަމުންދާއިރު، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް އެ ޚިދުމަތުން ބުނެފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 13:10 އެހައިކަންހާއިރުއެވެ. ފުލުހުން ބުނި ގޮތުގައި އަޕާ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހިނގި މި އަމަލަކީ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ އިހާނެތި އަމަލެކެވެ. މި މައްސަލައަށް ދެ ދުވަސް ވެފައިވާއިރު، މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ "ސަން" އިން ސުވާލުކުރުމުން ފުލުހުން މިއަދު ބުނީ އަދިވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ އަންހެން ކުއްޖާ ގަހެއްގައި އަތް ބަނދެފައި ހުރިއިރު، އެ ކުއްޖާ އަމިއްލައަށް ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެނެއެވެ. ފުލުހުން އިތުރަށް ބުނީ، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކުގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ