'ބަލްކް ޕޭމަންޓް'ގެ ޚިދުމަތް ވިޔަފާރިތަކަށް ލިބޭގޮތް ބީއެމްއެލުން ހަދައިފި

އެއްފަހަރާ ގިނަ އެކައުންޓުތަކަށް ފައިސާ ފޮނުވޭ 'ބަލްކް ޕޭމަންޓް'ގެ ޚިދުމަތް ވިޔަފާރިތަކަށް ލިބޭގޮތް ގައުމީ ބޭންކު ބީއެމްއެލުން މިއަދު ހަދައިފިއެވެ. ބީއެމްއެލުން ބުނީ، ބަލްކް ޕޭމަންޓް ޚިދުމަތް މެދުވެރިކޮށް މުސާރައާއި އިނާޔަތް ފަދަ ފައިސާއާއި ކުންފުނިތަކުގެ ހިއްސާދާރުންނަށް ލިބޭ ފައިދާ، އެއްފަހަރާ ގިނަ އެކައުންޓުތަަށް ފޮނުވޭނެ ކަމަށެވެ. ބަލްކް ޕޭމަންޓުގެ ޚިދުމަތަކީ ވިޔަފާރިތަކުގެ މަސައްކަތް ހަލުވިކުރުމަށް ފަރުމާކުރި ޚިދުމަތެއް ކަމަށާއި، އެ ޚިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ޑޮލަރުންނާއި ދިވެހި ރުފިޔާއާއި ބީއެމްއެލްގެ އެކައުންޓުތަކަށް އެއްފަހަރާ ފައިސާ ފޮނުވޭނެ ކަމަށް، ބޭންކުން މައުލޫމާތު ދެއެވެ. އެ ޚިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލު ވިދާޅުވީ، ބަލްކް ޕޭމަންޓުގެ ޚިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ފަސޭހަ ހައްލުތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ. "ޑިޖިޓަލްކޮށް އެއްފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން ފައިސާ ފޮނުވުމުގެ ކަންކަން އަވަސްވެ، ރައްކާތެރިވެ، އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެ." ނިމާލު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ