އެމެރިކާއާ އެކު އިއްޔެ ސޮއިކުރި އާ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން، ބަންގްލަދޭޝްއިން އެމެރިކާއަށް ބޭރުކުރާ މުދަލުން ނަގާ ޓެރިފް %19އަށް ކުޑަކުރުމަށް ނިންމައިފި އެވެ.
މީގެ އިތުރުން، އެމެރިކާގެ ރޯ މިއުޓީރިއަލް ބޭނުންކޮށްގެން އުފައްދާ ފޭރާމުގެ ބާވަތްތަކުން ޑިއުޓީ އިސްތިސްނާކުރުމަށް ނިންމާފައިވެ އެވެ. މިއީ ބަންގްލަދޭޝްގެ އެކްސްޕޯޓް ސިނާއަތަށް ލިބުނު ބޮޑު ލުޔެކެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުހައްމަދު ޔޫނުސް ވިދާޅުވި ގޮތުގައި، އެމެރިކާގައި އުފައްދާ ކޮޓަން އާއި އާޓިފިޝަލް ފައިބަރު ބޭނުންކޮށްގެން ބަންގްލަދޭޝްގައި ތައްޔާރުކުރާ ފޭރާމުގެ ބާވަތްތަކަށް، އެމެރިކާގެ ބާޒާރުގައި އެއްވެސް ޓެރިފެއް ނުނަގާ ގޮތަށް ހަމަޖެއްސުމަށް ވޮޝިންޓަނުން ވަނީ އެއްބަސްވެފަ އެވެ.
ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ސިނާއީ އަދި ދަނޑުވެރިކަމުގެ ގިނަ އުފެއްދުންތަކަކަށް ބަންގްލަދޭޝްގެ ބާޒާރުން ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ކެމިކަލް، މެޝިނަރީ، މެޑިކަލް އިކުއިޕްމަންޓް، އުޅަނދުފަހަރު، ސޯޔާ ބީންގެ އުފެއްދުންތައް، ކިރުގެ ބާވަތްތައް، ގެރިމަސް، ކުކުޅުމަސް އަދި މޭވާ ހިމެނެ އެވެ.
މީގެ އިތުރުން، އެމެރިކާގެ އުޅަނދުފަހަރުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައިގަތުމަށާއި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ސެޓްފިކެޓްތައް ގަބޫލުކުރުމަށް ވެސް ބަންގްލަދޭޝްއިން ވަނީ އެއްބަސްވެފަ އެވެ.
އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ އޮފީހުން އާންމުކުރި ތަފްސީލުތަކަށް ބަލާއިރު، މި އެއްބަސްވުމުގެ ދަށުން ބަންގްލަދޭޝްއިން އެމެރިކާގެ 3.5 ބިލިއަން ޑޮލަރުގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ކުރިއަށް އޮތް 15 އަހަރު ތެރޭގައި 15 ބިލިއަން ޑޮލަރުގެ ހަކަތަ ގަތުމަށް ވަނީ ރާވާފަ އެވެ. އަދި ބިމާން ބަންގްލަދޭޝް އެއާލައިނަށް ބޯއިން މަރުކާގެ 14 މަތިންދާބޯޓު ގަތުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ޖޭމިސަން ގްރިއާ ވިދާޅުވީ، ބަންގްލަދޭޝްއަކީ އެމެރިކާއާ އެކު މިފަދަ ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމު ކަމަށެވެ.
ނުވަ މަސްދުވަހުގެ މަޝްވަރާތަކަށް ފަހު ގާއިމުކުރި މި އެއްބަސްވުމަކީ، މިދިޔަ އަހަރު ޓެރިފް %37 އިން %20އަށް ކުޑަކުރުމަށް ފަހު ގެނެވުނު އިތުރު ކުރިއެރުމެކެވެ.
އިންޑިއާއަށް ދީފައިވާ %18ގެ ޓެރިފަށް ވުރެ ބަންގްލަދޭޝްގެ ރޭޓް ކުޑަކޮށް މަތި ނަމަވެސް، މިއީ ބަންގްލަދޭޝްގެ އެކްސްޕޯޓް އާމްދަނީގެ %80 ހިއްސާކުރާ އަދި 4 މިލިއަނެއްހާ މުވައްޒަފުން މަސައްކަތްކުރާ ފޭރާން އުފައްދާ ސިނާއަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
އެމެރިކާއިން ބަންގްލަދޭޝްގެ މުދަލުގެ ޓެރިފް %19އަށް ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ