މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫޢުގެ ދަށުން، ސައިޓް އޭ ހިއްކުމުގެ ބޮޑުބައެއް ނިމިފައިވާކަމަށް މި މަސައްކަތް ކުރަމުންދާ އެމްއޭސީއެލް އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި، ސައިޓްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސައިޓް އޭ އިން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 116 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. މިއީ އެ ސައިޓުގެ ޖުމްލަ މަސައްކަތުގެ 84 އިންސައްތައެވެ.
މި މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް، ތާވަލާ އެއްގޮތަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީކުރާ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެށި އެންމެ އުއްމީދީ ބޯހިޔާވަހިކަމުގެ މަޝްރޫޢެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގައި ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި، ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކްރިސްޓޯބަލް ކޮލޯން" ދަނީ ބޭނުންކުރަމުންނެވެ. ޖޭން ޑި ނަލް ކުންފުނީގެ މި ޑްރެޖަރަކީ އެއްފަހަރާ 46,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިގެންވާ ބިޔަ އުޅަނދެކެވެ.
ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ބުރުގައި އެކަނިވެސް 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ ބިންހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ.
ރަސްމާލެ މަޝްރޫޢު: ސައިޓް އޭގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ