ސަރުކާރުން ދޭ ކުޅިވަރު އެވޯޑަށް ރައީސްގެ ދަރިކަލުން ނޮމިނޭޓްވެއްޖެ

ސްޕޯޓްސް މިނިސްޓްރީން ކޮންމެ އަހަރަކު ބާއްވާ ކުޅިވަރު އެވޯޑްގެ ކެޓަގަރީއަކަށް ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވެއްޖެ އެވެ. މިއީ މިފަދަ އެވޯޑަކަށް ރާއްޖޭގެ ރައީސްއެއްގެ ބޭފުޅަކު ނޮމިނޭޓްވި ފުރަތަމަ ފަހަރެވެ.
ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު ބާއްވާ މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑްގެ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތައް ސްޕޯޓްސް މިނިސްޓްރީން މިހާރު ވަނީ އިއުލާން ކުރަން ފަށާފަ އެވެ.
ތަފްސީލު - އިއްޔެ އާންމުކުރި ނޮމިނޭޝަންތަކުން، ރައީސްގެ ދަރިކަލުން ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީއަށެވެ.
ޖުމްލަ ފަސް ކުޅުންތެރެއިން ނޮމިނޭޓްވި މި ގެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އުމައިރާ އެކު ދެން މި އެވޯޑަށް އެ އޮސޯސިއޭޝަނުން ޒީކް ހަސަން ލަތީފް ނޮމިނޭޓްކޮށްފައިވެ އެވެ.
އޭގެ އިތުރުން، ބޯޑީބިލްޑިން އެސޯސިއޭޝަން (ބީބީ)ގެ ފަރާތުން ދެ ކުޅުންތެރިއަކާއި ސްވިމިން އެސޯސިއޭޝަން (އެސްއޭއެމް)އިން ކުޅުންތެރިއަކު ނޮމިނޭޓްވެފައިވެ އެވެ. އެއީ:
މުހައްމަދު ރިހާން ޝިހާމް (އެސްއޭއެމް)
އައިން އަހުމަދު (ބީބީ)
މުހައްމަދު އަޒާން އަހްމަދު (ބީބީ)
މި ކެޓަގަރީއަށް ރާއްޖޭގެ އެއް ވަނަ ކުޅިވަރު، ފުޓްބޯޅައިން އެއްވެސް ކުޅުންތެރިއަކު ނޮމިނޭޓްވެފައެއްނުވެ އެވެ.
ފާހަގަކޮަށްލެވޭ ކަމެއް - 2022 ވަނަ އަހަރު ތާއާރަފްކުރި މި އެވޯޑްގެ މިފަހަރުގެ ބައެއް ކެޓަގަރީތަކަށް ބައެއް މީހުން ނޮމިނޭޓްވެފައި ނުވާތީވެ، އެކަމާ ގުޅިން ނޮމިނޭޝަންތަކުގެ އިންސާފުވެރިކަމާ މެދު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ