ކަރަންޓުގެ މައްސަލާގައި އެންވަޔަރަމެންޓު މިނިސްޓްރީ، ސްޓެލްކޯ އަދި ފެނަކަ ކޮމިޓީ އަށް

ކަރަންޓުގެ އަގު ބޮޑުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލާގައި، އެންވަޔަރަމެންޓު މިނިސްޓަރާއި ސްޓެލްކޯ އަދި ފެނަކަ އެ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުގެ 13:45 ށް އެންވަޔަރަމެންޓު މިނިސްޓަރާއި ސްޓެލްކޯ އަދި ފެނަކައިގެ ބޭފުޅުން ކޮމިޓީ އަށް ހާޒިރު ކުރާށެވެ. ކަރަންޓުގެ އަގާ ބެހޭގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ކަރަންޓުގެ މައްސަލާގައި ރައްޔިތުންގެ ޝަކުވާ އަންނަނީ ކޮން ހިސާބަކުން ކިހިނެތް ވެގެންކަން އެނގެން ޖެހޭ ކަމަށެވެ. މާލޭގެ ވިޔަފާރިތަކުން ބޭންޑަކަށް ނަގާ މިންވަރު ބޮޑު ވެއްޖެކަމަށް ސަރުކާރުން އިއުލާނު ކޮށްފައި ވީނަމަވެސް، ބޮޑުވި މިންވަރު އަދިވެސް ނޭނގޭ ކަމަށް ޝަރީފު ވިދާޅުވި އެވެ. ޝަރީފު ވިދާޅުވީ ބޭންޑުތަކަށް ބަދަލު ގެންނަ އިރު، އެއް ގައުމު ކަމަށް ބަލާފައި ކަރަންޓަށް އެކި ރަށް ރަށަށް އެކި އަގު ނެގުމުގެ ބަދަލުގައި މުޅި ގައުމުގައި ކަރަންޓު އުފެއްދުމުގެ އަގު ބަލާފައި އެއަށް އަގެއް ކަނޑައަޅާ ނަމަ ރައްޔިތުންގެ ޝަކުވާ މަދުވާނެ ކަމަށެވެ. "އެބަ ޖެހޭ ސިސްޓަމެއް ގާއިމު ކުރަން މުޅި ރާއްޖެ އަކީ އެއް ގްރިޑެއް ކަމަށް ބަލައިގެން، އެ އެއް ގްރިޑަށް ކަރަންޓު އުފެއްދުމަށް ހިނގާ ހުރިހާ ހަރަދެއް ބަލާފައި ދައުލަތަށް ދެވޭ ްއެންމެ ބޮޑު ލުޔެއް ދީގެން، ފައިދާއަށް ވުރެ ބޮޑަށް ސަސްޓެއިނަބަލް ގޮތެއްގައި ހިނގާ ކަމެއްގެ ގޮތުގައި ބަލަން،" ޝަރީފު ވިދާޅުވި އެވެ. އޭގެ އިތުރުން މާލޭގެ ކުނި މެނޭޖު ކުރަމުންދާ އުސޫލާ މެދު މަޝްވަރާ ކުރުންވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އޮތެވެ. ކޮމިޓީ އިން ނިންމާފައި ވަނީ ހޯމަ ދުވަހުގެ 11:00 އަށް އެންވަޔަރަމެންޓް މިނިސްޓަރީ އާއި ހައުސިން މިނިސްޓްރީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބޭފުޅުން ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ