މައްކާގައި ބަހެއް އެކްސިޑެންޓުވެ 20 އުމްރާވެރިން މަރުވެއްޖެ

ސައުދީ އަރަބިއްޔާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އުމްރާގެ އަޅުކަމަށް ދިޔަ 20 މީހުން މަރުވެ، އިތުރު 29 މީހުން ޒަޚަމްވެއްޖެއެވެ. ސައުދީ ގެޒެޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އުމްރާވެރިން ގޮވައިގެން މައްކާއަށް ދަތުރު ކުރަނިކޮށް ބްރިޖެއްގެ މައްޗަށް ވެއްޓި ބަސް ފުރޮޅާލައި އަލިފާން ރޯވުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތު އެ ގައުމުގެ ހުޅަނގު ދެކުނު އާސިރް ޕްރޮވިންސްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ބަހުގެ ބްރޭކް ފެއިލްވުމާއި ގުޅިގެންނެވެ. އެ ގައުމުގެ ސިވިލް ޑިފެންސް އަދި ސައުދީ ރެޑް ކްރެސެންޓް ޓީމުތަކުގެ އިތުރުން ސަލާމަތީ އިދާރާތަކުން ވަނީ އެކްސިޑެންޓާ ބެހޭ މައުލޫމާތު ލިބުމާއެކު އެތަނަށް ގޮސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ފަށާފައެވެ. މި އެކްސިޑެންޓާ ގުޅިގެން އެތައް ގަޑިއިރެއް ވަންދެން އެ ސަރަހައްދުގެ މަގުތަކުގެ ޓްރެފިކަށް ހުރަސްއެޅުނެވެ. މަރުވި ހައްޖުވެރިންގެ އިތުރުން ޒަހަމްވި މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ އެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މަރުވި އުމްރާވެރިންގެ ތެރޭގައި ގިނައީ ސައުދީ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ