މިރޭގެ ޖަލްސާގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން އިލްތިމާސް ކޮށްފި

ކަނޑު ވިއްކާލުމާ ދެކޮޅު ކޯލިޝަނުން މިރޭ ބާއްވާ ޖަލްސާގައި, ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން ފުލުހުން މި ހަރަކާތާއި ގުޅިގެން ނެރުން ބަޔާނެއްގައި ވަނީ ގާނޫނޫ އަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ބަޔާންކޮފައިވާނެ ކަން ފާހަގަކޮށްފައެވެ.
މިއާއިއެކު މި ގާނޫނާ އެއްގޮތަށް, ސުލްހަވެރިކަމާއިއެކު ހިންގާ ހަރަކާތްތަކަށް ފުލުހުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި, އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި, އެނޫންވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމްތައް, ހަމަ ޖެއްސުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ފުލުހުން ކުރަމުންގެންދާ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.
Advertisement
މިއާއިއެކު މިރޭގެ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅު ތެރެއިން މީހުން އަންނަކަމާށާއި, މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް ރާވަމުންދާކަމަށާއި ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާނެކަމަށް ބުނަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މި ހަރަކާތުގައި އާންމު ސުލްހައަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި, ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި, ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ދޫކޮށްލި ކަމަށް ބުނާ މައްސަލަ އާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަނީ ހަލަބޮލި ވެފައެވެ. 
އެގޮތުން މިކަމާއި ދެކޮޅަށް ގިނަ ސިޔާސީ ޕާޓީތަކެއް ގުޅިގެން އުފައްދާފައިވާ ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން މިރޭ މާލޭގެ ކާނިވާ ސަރަހައްދުގައި "ބާނަ ބާނަތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާ ބޭއްވުމަށް ވަނީ އިއުލާނުކޮށްފައެވެ.
މި ޖަލްސާގައި ސިވިލް ސަރވިސް މުވައްޒަފުންނާއި, ފުލުހުންނާއި, ސިފައިންނާއި, މީގެ ކުރިން އެމްއެންޑީއެފްއާއި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާ ޝަރަފްވެރިކަމާއި އެކީގައި ރިޓަޔަރ ކުރައްވައިގެން ތިއްބެވި ބޭފުޅުންވެސް ބައިވެރިވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަަޙްމަދު ޝިޔާމް ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ.
މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުންވެސް، ވަކި ޕާޓީއެއް ނުބަލާ ވަރަށް ގިނަ މީހުން މާލެ އައިސްފައިވާ ކަމަށާއި މިއަދުވެސް އަންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެ ފަރާތްތަކުން މާލޭގައި އުޅޭއިރު، އަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރި ވެފައި ވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ