ކާޑެއްދޫ އެއާޕޯޓު ހޯދަން 2 ގޮތެއް: ވިލާއަށް 18 މަހުގެ ޓެކްސް ލުޔެއް ނުވަތަ 18 މިލިއަން ޑޮލަރު

ގދ. ކާޑެއްދޫ އެއާޕޯޓް އަނބުރާ ހޯދަން ސަރުކާރުން ވިލާ އެއާއަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދެއްކުމަށް ނުވަތަ ވިލާ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހުގެ އެޖަސްޓްމަންޓެއް ހެދުމަށް ރައީސް އޮފީހުން ހުށަހަޅައިފި އެެވެ.
ވީ ކިހިނެއް؟ - ގދ. އަތޮޅުގެ ވެރިރަށް ތިނަދޫއާ އިންވެގެން އޮންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފައި އޮތީ ވިލާ ކުންފުންޏާ އެވެ. ނަމަވެސް އޭގެ އެއްވެސް ކަމެއް ނުކުރެވި، އެއާޕޯޓް ހަލާކުވަމުންދާތީ، އާންމުންގެ ކަންބޮޑުވުންތައް ވަނީ ގިނަވެފަ އެވެ.
ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ކާޑެއްދޫ އެއާޕޯޓާ ގުޅުވައިގެން ވިލާ ކުންފުންޏަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓަކީ ވިލާގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް "ތަރިކަ މުދާގަނޑެއް" ގޮތަށް ދީފައި އޮންނަ ފަދަ ތަނެކެވެ.
"[ގާސިމް] އެދިވަޑައިގަންނަވައިގެން ކޮންމެ ސަރުކާރަކުން ކާޑެއްދޫ އެއާޕޯޓު ގާސިމަށް ދެނީ. މިއަދު ކިހިނެއްތޯ މިވީ؟ ހިންގަން އުޅެއުޅެ ނުހިންގިގެން އެންމެ ފަހުން ސަރުކާރު ބޮލުގައި އަޅަން ޖެހުނީ،" ގާސިމް ވިދާޅުވި އެވެ.
"ތިރީސް މިލިއަން ޑޮލަރު. ކުޑަ އަދަދެއް ނޫން. ދައްކަން ހުރި ޓެކްސް ފައިސާ މައާފުކޮށްފައި ސަރުކާރުން އެ އެއާޕޯޓު ނެގީ. ކޮން ކަހަލަ ލަދު ހުތުރު ކަންތައްތޯ މިއީ؟"
ތަފްސީލް - ނަމަވެސް ގާސިމް މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޔާމީންގެ ވާހަކަތަކަށް ވަނީ ރައްދު ދެއްވާފަ އެވެ.
އެ ތުހުމަތުތައް ދޮގުކުރައްވައި ގާސިމް ވަނީ ރައީސް އޮފީހުން މިދިޔަ އަންގާރަ ދުވަހު ވިލާ އެއާގެ ޗެއާމަން އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއް އާއްމުކުރައްވައިފަ އެވެ.
އެ ސިޓީގައި ބަޔާންކޮށްފައިވަނީ 14 އޮގަސްޓުގައި ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް، ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރަން ވިލާ އެއާއަށް ހުށަހަޅާ ދެ ގޮތެކެވެ.
އެ ސިޓީގައިވާ ގޮތުން:
އެ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުވާނެ ކަމަށް އާންސްޓް އެންޑް ޔަންގުން ލަފާކުރީ 100 މިލިއަން ޑޮލަރު
ވިލާއިން އެދެނީ ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރު
ނަމަވެސް އެއާޕޯޓުގެ އަގަކީ 18.5 މިލިއަން ޑޮލަރު (އާންސްޓް އެންޑް ޔަންގްގެ އަންދާޒާ)
އެ އެއާޕޯޓު ތަރައްގީކުރުން ޖާމިނުކޮށް ދައުލަތުން ވިލާ އެއާއަށް އދ. އަތޮޅުން ދޫކުރި ދެ ފަޅުރަށުގެ އަގަކީ 15 މިލިއަން ޑޮލަރު؛ ވުމާ އެކު ޖުމްލަ 33.5 މިލިއަން ޑޮލަރު
ވިލާއިން ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރު ހޯދަން ހުށަހެޅި ނަމަވެސް، ސަރުކާރުން ހުށަހެޅި ދެ ގޮތަކީ:
އެ އެއާޕޯޓާ ގުޅޭގޮތުން ވިލާ އެއާއިން ކޮށްފައިވާ ހަރަދުތަކުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު (277 މިލިން ރުފިޔާ) ދައުލަތަށް މާލީ ބުރައަކަށްނުވާ ގޮތަށް، 18 މަސް ދުވަހަށް ބަހާލައިގެން ދައުލަތުން އެ ކުންފުންޏަށް ދެއްކުން
ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހާލައިގެން އެޖަސްޓްމަންޓެއް ހެދުން
އިކޮނޮމިކް ކައުންސިލުން ލަފާ ދިނީ އެ ގޮތްތަކުގެ ތެރެއިން ގޮތަކަށް ވިލާ އެއާއިން އެއްބަސްވާ ނަމަ، މިހާރު އެ ކުންފުންޏާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމާއި އެ އެއްބަސްވުމާ ގުޅުންހުރި ހުރިހާ ބައިތައް ކަމާބެހޭ މިނިސްޓްރީން ބާތިލުކޮށް، އެ ކުންފުނިން އެއްބަސްވާ ގޮތަކަށް ބަދަލު ދިނުމުގެ ކަންކަން ކަމާބެހޭ މިނިސްޓްރީތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރަނގަޅު 'ޑީލެއް' ލިބިއްޖެ ނަމަ ކާޑެއްދޫ އެއާޕޯޓު ދޫކޮށްލާނެ ކަމަށް ގާސިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މިހާރު ދައުލަތުން ހުށަހަޅާފައިވާ ދެ ގޮތުން ކުރެ ގޮތެއް ވިލާ އެއާއިން ހިޔާރުކުރި ކަމެއް އަދި މިހާތަނަށް އެނގިފައެއްނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ