ކޮންމެ 5 އަހަރަކުން 50 މެގަވޮޓް އިތުރުކުރަންޖެހޭ، މި އަހަރާއި މިދިޔަ އަހަރު ވެސް 17 މެގަވޮޓް އިތުރުކުރި: ފަހުމީ
ވެރިރަށް މާލޭގައި މީހުން އާބާދުވެ، ކަރަންޓު ބޭނުންކުރާލެއް އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާތީ، މާލެއަށް ކަރަންޓުގެ ޑިމާންޑު ބޮޑު ކަމަށާއި، އެހެންވެ ކޮންމެ ފަސް އަހަރަކުން 50 އެއްހައި މެގަވޮޓްގެ ކަރަންޓު އުފެއްދޭ މިންވަރަށް ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށް، މާލޭގައި ކަރަންޓުގެ ޚިދުމަތްދޭ މައި ކުންފުނި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނު ނިވާލުމާ ގުޅޭ ގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ، 2016ވަނަ އަހަރު ބިންގާ އަޅައި 2019 ވަނަ އަހަރުން ފެށިގެން ބޭނުންކުރަން ފެށި ހުޅުމާލެ ޕަވާޕްލާންޓްގެ ފަހުން އިތުރު ޕަވާޕްލާންޓެއް ނާޅާ ކަމަށެވެ. ފަހުމީ ވިދާޅުވީ، އިތުރު ޕަވާޕްލާންޓްތަކެއް ހުރިނަމަ ޓެކްނިކަލް މަސައްކަތް ކުރުމަ ށްޓަކައި ކަރަންޓު ކަނޑާލަން ނުޖެހުނީސް ކަމަށެވެ. "މާލޭގެ ޑިމާންޑު މިހިރަ ގޮތުން ކޮންމެ ފަސް އަހަރަކަށް ގާތްގަނޑަކަށް 50 މެގަވަޓްގެ ކަރަންޓު އެބަ ބޭނުންވޭ،"ހުސައިން ފަހުމީ - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މިދިޔަ އަހަރާއި މި އަހަރު ވެސް މާލެއަށް 17 މެގަވޮޓްގެ ކަރަންޓު އިތުރުކޮށްފައިވާނެ ކަމަށާއި، ހައިސްޕީޑް އިންޖީނުތަކެއް ގެނެސް ބަހައްޓައިގެން ކަރަންޓުގެ ޚިދުމަތް ދިނުމަކީ އެންމެ ދެމެހެއްޓެނިވި ގޮތް ނޫން ކަމަށް ފަހުމީ ވިދާޅުވިއެވެ. "މިހާރު ވެސް އަޅުގަނޑުމެން، ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން މި ގެންދަނީ ބޮޑު ޕަވާޕްލާންޓެއް މާލޭގައި އެޅޭތޯ،" ފަހުމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 100 މެގަވޮޓްގެ އާ ޕަވާޕްލާންޓެއް އެޅޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި، ނަމަވެސް ޕަވާޕްލާންޓެއް އެޅުމަށް 100 މިލިއަން ޑޮލަރު ނޫނީ 200 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެކަމަކު މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށް ހާލަތެއްގައި އޮތުމުން އެކަމަށް އަދި ފައިސާ ނެތީކަމަށް ވިދާޅުވިއެވެ. ޕަވާޕްލާންޓެއް މާލޭގައި އެޅޭތޯ މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް ފަހުމީ ވިދާޅުވީ، ފުރަތަމަ ވިސްނުމަކަށްވީ ހުޅުމާލެއާއި މާލޭގައި ޕަވާޕްލާންޓެއް ނޭޅުން ކަމަށެވެ. އަދި އާންމުންނާ ދުރު ސަރަހައްދެއްގައި ތިލަފުށީގައި ޕަވާޕްލާންޓް އެޅުން ކަމަށެވެ. ދުރުނޫން މުސްތަގްބަލެއްގައި ކަރަންޓުގެ މައްސަލަ ހައްލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި މާދަމާ ހެނދުނު 6:00 އިން 10:00 އަށް ހަތަރު ގަޑިއިރަށް ކަރަންޓުގެ މަސައްކަތެއް ކުރުމަށްޓަކައި ކަރަންޓު ކަނޑާލާނެ ކަމަށް، ސްޓެލްކޯ އިން ބުނެފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު މުޅި މާލެ ސަރަހައްދުން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށްފަހު، މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު، ކުއްލިކުއްލިއަށް ކަރަންޓު ކެނޑުމުން އާންމު ޚިދުމަތްތައް ދީ، ހޯދައި ލިބިގަތުމުގައި ބޮޑު ތަކުލީފެއް އުފުލަން ޖެހެއެވެ. އަދި ގިނަ ރައްޔިތުންތަކެއްގެ ގޭބިސީގައި ހިފައި ގެންގުޅޭ އިލެކްޓްރިކް ސާމާނަށް ގެއްލުންވުން ފަދަ މައްސަލަތައް ދިމާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ