ވައުދުވި ތަރައްގީ ނުގެނެސް އޮއްވައި ވިލާއަށް 18 މިލިއަން ޑޮލަރުގެ ބަދަލެއް ދޭކަމުގެ ކަންބޮޑުވުން
ގދ. ކާޑެއްދޫ އެއާޕޯޓަށް ވިލާއިން ވައުދުވި ތަރައްގީ ނުގެނެސް އޮއްވައި، ލީސް އެގްރިމަންޓު ބާތިލުކޮށް ދައުލަތަށް އެއާޕޯޓު ނަގަން ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ދައުލަތުން 18 މިލިއަން ޑޮލަރު ދޭން ސަރުކާރުން ހުށަހަޅައިފައި އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ރޭ ޕީއެންއެފުން ބޭއްވި ވޭކްއަޕް ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކާޑެއްދޫ އެއާޕޯޓާ ގުޅުވައި ދެއްކެވި ވާހަކަފުޅުތަކެއް ދޮގުކުރައްވައި މިރޭ ގާސިމް ވަނީ އެ އެއާޕޯޓު ދައުލަތަށް ދިނުމުގެ މުއާމަލާތާ ގުޅޭގޮތުން ރައީސް އޮފީހާއި، ގާސިމްގެ ކުންފުނިން ކޮށްފައިވާ މުއާމަލާތް ފެންނަ ސިޓީއެއް އާންމުކުރައްވައިފައެވެ. https://sun.mv/210297 އެ ސިޓީން ހާމަވީ ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަނބުރާ ހަވާލުކުރަން ވިލާ އެއާ ކުންފުނިން ހުށަހެޅީ، ދައުލަތުން 21 މިލިއަން ޑޮލަރު ދޭ ގޮތަށް ކަމަށެވެ. އެ ހުށަހެޅުމާ ގުޅިގެން ރައީސް އޮފީހުން ބެލި ބެލުމުން، ކާޑެއްދޫ އެއާޕޯޓުގެ އަގަކީ، 18.5 މިލިއަން ޑޮލަރު ކަމަށާއި އެއާޕޯޓު ތަރައްގީކުރަން ޖާމިނުކޮށް އެ ކުންފުންޏަށް އދ. އަތޮޅުން ދީފައިވާ ދެ ފަޅުގެ އަގަކީ 15 މިލިއަން ޑޮލަރުކަމާއި، އެއީ ޖުމްލަ 33.5 މިލިއަން ޑޮލަރުކަމަށް ސިޓީގައިވެއެވެ. އެއަށްފަހު އެ ސިޓީގައިވާ ގޮތުން، ދައުލަތަށް ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ވިލާ އެއާ ކުންފުންޏަށް ހުށަހެޅީ ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ ސަރުކާރަށް އެއާޕޯޓު ހަވާލުކުރުމަށް ޓަކައި، އެ އެއާޕޯޓަށް ވިލާ އެއާ ކުންފުނިން ކޮށްފައިވާ ޚަރަދުގެ ބަދަލުގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، 18 މަސް ދުވަހަށް ބަހައިގެން އެ ކުންފުންޏަށް ދެއްކުމެވެ. ނުވަތަ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހައިގެން އެޖަސްޓްމަންޓު ހެދުމެވެ. ރައީސް އޮފީހުގެ އެ ސިޓީގައިވާ ގޮތުން އެ ކަމަށް އެ ކުންފުނިން އެއްބަސްވާނަމަ ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލްކޮށް ކުންފުނިން އެއްބަސްވި ގޮތަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން އިކޮނިމް ކައުންސިލުން އޮތީ ހުއްދަ ވެސް ދީފައެވެ. ނަމަވެސް މި ކަން ހާމަވުމާއެކު ވަރަށް ގިނަ ބަޔަކު އަންނަނީ އެ ފަދަ ބަދަލެއް ދޭތީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. https://x.com/ahmedmauruf/status/1958973944431821084 އެގޮތުން އެމްޑީޕީގެ ގާނޫނީ ވަކީލެއް ކަމަށްވާ އަހްމަދު މައުރޫފް އެކްސްގައި ލިޔުއްވި ގޮތުގައި އެ ފަދަ ބަދަލެއް ވިލާއަށް ލިބުން ހައްގެއް ވެސް ނޫނެވެ. އެއީ ވިލާއިން އެ އެއާޕޯޓަށް ފާހަގަވާ ބޮޑު އިންވެސްޓުމަންޓެއް ކޮށްފައި އޮތްތަން ފެންނަން ނެތީމައި ކަމަށް ވިދާޅުވިއެވެ. އަދި އެއާޕޯޓު ލީސް އެގްރިމަންޓު ދަށުން ކުރަން ޝަރުތުކުރި ކަންކަން ނުކޮށް ވާތީއެވެ. އެގޮތުން މައުރޫފް ވިދާޅުވީ، 2022ވަނަ އަހަރުގެ މާޗް އެކެއްގައި އެ އެއާޕޯޓު ވިލާއަށް 50 އަހަރަށް ދޭން ވި އެއްބަސްވުމުގައި ހަތް އަހަރުން އެ ތަން ތަރައްގީކުރަން ޖެހޭ ކަމަށް އޮތް ކަމަށެވެ. އެގޮތުން ފުރަތަމަ އަހަރު ޑޮމެސްޓިކް ޚިދުމަތަށް ބޭނުންވާ ވަސީލަތްތަކާއި އޮޕަރޭޝަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބަލައިގަންނަ ފެންވަރަށް ތަރައްގީކުރަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަތްވަނަ އަހަރާ ހަމައަށްދާއިރު، ފުރިހަމަ ވަސީލަތާއެކު، ފުރިހަމަ ޚިދުމަތް ލިބޭ ބައިނަލްއަގްވާމީ އެއާޕޯޓަކަށް ތަރައްގީކުރަން ޖެހޭކަމަށް އޮތްކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ފުރަތަމަ އަހަރު ކުރަންޖެހޭ ކަންކަން ވެސް އޮތީ ނުކޮށް ކަމަށާއި، އެ ފަހުން ހަތަރު އަހަރުވީއިރު އިތުރު ތަރައްގީއެއް އެއާޕޯޓަށް ނުލިބޭކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ އެފަދަ ބަދަލެއް ދިނުމަކީ ގާނޫނީ ހަމައެއް އޮތް ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ކާޑެއްދޫ އެއާޕޯޓުގެ ލަގެޖު ކްލެއިމް އޭރިއާ އޮތް ހާލަތު ފެންނަ އެހާރާއި މިހާރުގެ ފޮޓޯއެއް -- މީގެ އިތުރުން ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ބަޔަކަށް ތަނެއް ތަރައްގީކުރަން ހަވާލުކޮށް އެކަމެއް ކުރަން ނުކުޅެދުނީމާ، އެ ބަޔަކު ޒިންމާދާރުނުކޮށް، ދައުލަތުން ބޮޑު ބަދަލެއް ދޭތީ ފާޑު ކިޔައިފައެވެ. އެއީ ދައުލަތް ދަރައި، މުއްސަނދިކަން މަދުބައެއްގެ ތެރޭ އޮތް ސަބަބު ކަމަށް ވެސް ބުނެފައިވެއެވެ. https://x.com/MVSiyaasath/status/1958976579587166497 ކާޑެއްދޫ އެއާޕޯޓުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިގެން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ، އިގުތިސާދީ ކޮމިޓީއަށް މި މަހުގެ ފެބްރުއަރީ ތެރޭ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ އެއާޕޯޓުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށާއި ވިލާ އެއާއިން އެއާޕޯޓާ ހަވާލުވި ފަހުން ޚިދުމަތުގެ ފެންވަރު ދަށްވެ، ވީރާނާވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު ވެސް ބައެއް ރައްޔިތުން އަންނަނީ ދޭންޖެހޭ ކޮންމެ ބަދަލެއް ދީގެން ވިޔަސް، އެ އެއާޕޯޓު ގާސިމްގެ ކުންފުނި އަތުން ނަގައި، ސަރުކާރުން ހިންގަން ހަވާލުވާން މާ ލަސް ވެސް ވެއްޖެ ކަމަށް ބުނަމުންނެވެ. ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ވިލާ އެއާއާ ހަވާލުކުރީ ނޮވެމްބަރު ހައެއް، 2013ގައެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަނަވަރީ 18، 2017ގައި އެ އެއްބަސްވުން ބާތިލުކުރިއެވެ. އެއަށްފަހު އަލުން އެ އެއާޕޯޓް ވިލާއަށް 50 އަހަރަށް ދޭން އެއްބަސްވުން ހެދީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2022ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ