ފިލްމީ ދާއިރާގެ ލައިފް އެޗީވްމެންޓް އެވޯޑް ޝިރާނީއާއި ޖަންބު އަފީފަށް
ކުރީގެ މަޝްހޫރު ފިލްމީތަރި ޗިޅިޔާ މޫސާ މަނިކުގެ ހަދާނުގައި ދޭ ދިވެހި ފިލްމީ ދާއިރާގެ ލައިފް އެޗީވްމަންޓް އެވޯޑް، ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ޝިރާނީއަށާއި ޖަންބު ހަސަން އަފީފަށް މިރޭ ދީފިއެވެ. މި އެވޯޑު ދިނީ ޣިޔާސުއްދީން ސުކޫލުގައި މިރޭ އޮތް މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) ފިލްމު އެވޯޑްސް 2024ގެ އެވޯޑު ހަފްލާގެ ތެރެއިންނެވެ. އެވޯޑު ލިބުމާއެކު ޝިރާނީ ބުނީ މި ހަފްލާއަށް އޭނާ ދިޔައީ މިފަދަ އެވޯޑެއް ލިބޭނެކަމުގެ އުންމީދުގައި ނޫން ކަމަށެވެ. އެހެންވެ "ވަރަށް ސްޕްރައިޒްވެއްޖެ ކަމަށާއި، ވަރަށް އުފާވެއްޖެ" ކަމަށް އޭނާ ބުންޏެވެ. ލައިފް އެޗީވްމަންޓް އެވޯޑު ލިބުނު ޖަންބު އަފީފު ބުނީ، އޭނާ "މަރުވުމުގެ ކުރިން" އަގުވަޒަންކޮށް އެ އެވޯޑު ލިބުމުން އުފާވެއްޖެކަމަށެވެ. އަދި މިއަދު ވެސް މުނިފޫހި ފިލުވުމުގެ ދާއިރާއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ތަކްލީފުތައް އަޑު އިވުމުން ހިތްދަތިވާ ކަމަށާއި، ނަމަވެސް ފިލްމީ ދާއިރާގެ މިފަދަ އެވޯޑު ހަފްލާތައް ބާއްވާތީ އުފާކުރާ ކަމަށެވެ. އެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024ގެ ދިވެހި ފިލްމީ ދާއިރާގެ ލައިފް އެޗީވްމަންޓް އެވޯޑް ލިބުނު ކުރީގެ މަޝްހޫރު ފިލްމީ ތަރި އައިޝަތު ޝިރާނީ --- ސަން ފޮޓޯ: މޫސާ ނަދީމް ޝިރާނީ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުތީ 1992ގައި، ފިލްމު "ނަސީބު" އިންނެވެ. އެއާއެކު ފިލްމީ ދާއިރާގައި އޭނާ އަކީ ވިދަމުން، ކުރިއަރަމުން އައި ތަރިއެެވެ. އޭނާ ވަނީ ފިލްމުގެ އިތުރުން ސިލްސިލާ ޑްރާމާތަކާއި، ޓެލެޑްރާމާތަކުގައި މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ވީޑިއޯ ލަވަ އޭނާ ވަނީ ކުޅެފައެވެ. އޭނާއަށް މީގެ ކުރިން ވެސް ވަނީ އެދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީ ތަކެއް ލިބިފައެވެ. އެގޮތުން 1994 ގައި ބޭއްވި "ދިވެހި ފިލްމު ފެސްޓިވަލް-1" ން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ މަގާމާއި "އާފަތިސް އެވޯޑްސް1995"ގެ އެންމެމޮޅު އެކްޓްރެސްގެ އިނާމާއި، 1997ގެ އެންމެމޮޅު ނެށުންތެރިޔާގެ އިނާމާއި، "އާފަތިސް ފިލްމީ އިނާމު 1998"ގެ އެންމެމޮޅު އެކްޓްރެސްގެ އިނާމުގެ އިތުރުން 2001 ވަނަ އަހަރު މުނިފޫހިފިލުވުމުގެ ދާއިރާއިން؛ ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ވެސް ޝިރާނީއަށް ވަނީ ލިބިފައެވެ. ޖަންބު ހަސަން ފިލްމީ ދާއިރާއަށް ތައާރަފްވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ އުފެއްދި ކޮމާޝަލް ފިލްމް، "ތިން ފިޔަވަޅު" އިންނެވެ. އޭނާގެ ފިލްމީ ހަޔާތުގައި ވަނީ ގިނަ ފިލްމުތަކަކާއި، ޑްރާމާ ސިލްސިލާ އަދި ވީޑިއޯ ލަވަތައް ކުޅެ، ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައެވެ. އޭނާ ފިލްމީ ދާއިރާއާއި ދުރަށް ދިޔައީ ކުރިމަތިވި ނުރައްކާތެރި، އެކްސިޑެންޑެއްގެ ސަބަބުންނެވެ. ނަމަވެސް ޖަންބު ހަސަން ކުޅެފައިވާ ލަވަތަކަކީ މިއަދު ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ލަވަތަކެކެވެ. ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަށްފަހު މި ފަދަ އެވޯޑް ހަފްލާއެއް އެމްއެސްޕީއޭއިން ބޭއްވީ ގިނަ ގޮންޖެހުންތަކަކަށްފަހުގައެވެ. މި އެވޯޑް ހަފްލާ އެސްއެސްޓީވީން ވަނީ ލައިވް ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ