ފަސް އަހަރަށް ފަހު އެޑެލްގެ އާ އަލްބަމެއް

މިއުޒިކް އިންޑަސްޓްރީގެ އެންމެ ވަރުގަދަ އަޑުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިޔާ އެޑެލްގެ އާ ސްޓޫޑިއޯ އަލްބަމް އަންނަ އަހަރު ނެރެން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ. ވަރުގަދަ ހިޓް އަލްބަމްތައް ނެރެފައިވާ އެޑެލްއަކީ މީގެ ކުރީން ވެސް އިވެންޓުތަކުގައި މާ އެކްޓިވް ފަންނާނެއް ނޫނެވެ. ދޭތެރެއަކުން ހުރެލާފައި އޭނާ އަލްބަމެއް ނެރޭ ދުވަސްކޮޅު ކުޑަކޮށް އެކްޓިވްކޮށް އުޅުމަށް ފަހު އޭނާ އަބަދު ވެސް އޭނާގެ އަމިއްލަ ދިރިއުޅުމަށް ދެއެވެ. ބައެއް ފަންނާނުންހެން އެޑެލްއަކީ އަބަދު މިއުޒިކް ނެރެ ތަފާތު ޝޯތައް ބާއްވާ ތަރިއެއް ނޫނެވެ. ދެން އެޑެލް ނެރޭނީ އޭނާގެ ފަސްވަނަ ސްޓޫޑިއޯ އަލްބަމެވެ. އޭނާ ނެރޭ ކޮންމެ އަލްބަމަކީ އެ އަލްބަމް ނެރޭ އަހަރުގައި އޭނާ އުމުރު ޓައިޓަލްގެ ގޮތުގައި ރިލީޒްކުރާ އަލްބަމެވެ. އެހެންވީމާ އަންނަ އަހަރު ނެރޭ އަލްބަމަށް ކިޔާނީ 35 އެވެ. އެޑެލްގެ އާ އަލްބަމްގެ ތީމު ބިނާވެފައިވަނީ ޔޫރަޕްގެ ޕޮޕްއާއި ހައުސް މިއުޒިކަށެވެ. އެހެންވީމާ މި އަލްބަމަކީ ކުރީގެ އަލްބަމަށް ވުރެ ތަންކޮޅެއް ޑާންސް ތީމް ލަވަތައް ހުންނާނެ އަލްބަމަކަށް ވާނެއެވެ. އެޑެލް އާ އަލްބަމް އެއް ނެރެން އުޅޭކަމުގެ ވާހަކަތައް ދެކެވެން ފެށީ އޭނާ މިއުޒިކުން ބޮޑު ބްރޭކެއް ނަގަން އުޅޭކަމުގެ ވާހަކަތައް ދެކެވިފައިވަނިކޮށެވެ. ނަމަވެސް، އޭނާ އާ މިއުޒިކް ރިލީޒްނުކުރާތާ މިހާރު ފަސް އަހަރު ވަނީއެވެ. އޭނާގެ އެންމެ ފަހުގެ އަލްބަމް 30 ރިލީޒްކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ. އޭނާގެ އުމުރާ ގުޅުވައިގެން އަލްބަމް ނެރޭއިރު އެންމެ ފުރަތަމަ އަލްބަމް ނެރެފައިވަނީ އޭނާ އުމުރުން 19 އަހަރުގައެވެ. އެ އަލްބަމް އަށް "19" ކިޔާފައިވާއިރު އެ އަލްބަމް ނެރުނީ 2011 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ