މިސާލަކަށް 100 އެނދުގެ 30 ރިސޯޓުގެ ވިޔަފާރިއަށް ބުރުލެއް އަރާކަށް ސަރުކާރުން ވެސް ބޭނުމެއް ނުވާނެ އެވެ. އެއީ ޖުމްލަ 3،000 އެނދެވެ. ޓޫރިޒަމްގެ އެހާ ގިނަ އަދަދެއްގެ ވިޔަފާރި ސަލާމަތްކުރުމަކީ ސަރުކާރުގެ ބޮޑު ޒިންމާއަކަށް އޮންނާނީ ވެފަ އެވެ.
އެކަމަކު އެ ޒިންމާ އެއްވެސް ސަރުކާރަކަށް ރަނގަޅަށް ނެގިފައި ނެތީ ޓޫރިޒަމްގެ އެހެން ބައެއް ކަމަށްވާ ސަފާރީ އުޅަނދުފަހަރާ ގުޅޭ ގޮތުންނެވެ.
ރާއްޖޭގައި މިހާރު އޮޕަރޭޝަންގައި އޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަނީ 158 ސަފާރީ އެވެ. އެ ހުރިހާ އުޅަނދެއްގައި 3،150އަށް ވުރެ ގިނަ އެނދު އޮޕަރޭޓްކުރާ ކަމަށް ވެސް، މޭ މަހު ނެރުނު ހިސާބުތަކުން އެނގެ އެވެ.
އެކަމަކު ސަފާރީތައް އަޅާނެ ދާއިމީ ބަނދަރެއް ނެތެވެ. ގިނަ އުޅަނދުފަހަރު ބަނދަރުކުރަނީ ހުޅުމާލެއަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޭން އެކުލަވާލި ޕްލޭންގެ ދަށުން ހުޅުމާލޭގެ ފަޅު ވެސް އޮތީ ހިއްކާ ގޮތަށެވެ. ހިއްކުމުގެ ބޮޑު ބައެއް މިހާރު ނިމިއްޖެ އެވެ. އަނެއް ބައި ކުރިއަށް ގެންދަން ސަފާރީ އުޅަނދުފަހަރު އެތަނުން ނެރެން އެޗުޑީސީން ތަކުރާރުކޮށް އިއުލާންކުރެ އެވެ.
ކުރިން އޮތް ޕްލޭނަށް މި ސަރުކާރުން ބަދަލެއް ގެނެސް، ހިއްކާ ސަރަހައްދު ކުޑަކުރި އެވެ. ނަމަވެސް އިންޑަސްޓްރިއަލް ޒޯނެއް ހަދަން ފަޅުގެ ވަކި ބައެއް އަދިވެސް ހިއްކަން ޖެހޭތީ ސަފާރީތައް އެ ސަރަހައްދުން ބޭރުކުރަން އެންގި އެވެ.
އެހެން ގޮތަކަށް ބުނާ ނަމަ ޓޫރިޒަމްގެ އެއް ސެކްޓަރު މިހާރު މި އޮތީ ފާޑަކަށް ހާލުގައި ޖެހިފަ އެވެ. އަޑިޔަށް ދަނީ އެވެ.
"އަހަރެމެން ކިހިނެއް މި އެއްޗެހި ނެރޭނީ؟ ކޮބައި ގެންގޮސް އަޅާނެ ތަނެއް؟" ސަފާރީއެއް ދުއްވާ ވިޔަފާރިވެރިޔަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
"ކަލޭމެން ނެރޭށޭ ބުންޏަކަސް އަދި އެކަމެއް ނުވާނެތާ."
އެއީ ތެދެކެވެ. އަގުބޮޑު އުޅަނދުތަކެއް ގެންގޮސް ކޮންމެ ކޮންމެ ތަނަކު ނުބޭއްވޭނެ އެވެ. މާލެ ސަރަހައްދުގައި ސަފާރީތަކަށް ހާއްސަ ބަނދަރެއް ހަދާނެ ވާހަކަ ކުރީ ސަރުކާރުން ވެސް އިއުލާންކުރި އެވެ. އެކަމެއް ނުވި އެވެ.
އިގުތިސާދުގެ މުހިންމު ދާއިރާއަކަށް އަޅާލަން ޖެހޭ ވަރާ ގާތަށް ވެސް ސަރުކާރުތަކުން ސަފާރީ ވިޔަފާރީގެ ހިމާޔަތުގައި މަސައްކަތް ކޮށްފައި ނެތްކަމުގެ ޝަކުވާ، އެ އުޅަނދުފަހަރުގެ ވެރިންގެ ހިތުގައި އެބަ އޮތެވެ.
"އަހަރެމެންނަކީ ބައެއް ކަމަކަށް ޓޫރިޒަމްގެ އިސް މީހުން ނުދެކޭ. އަހަރެމެން ތިބޭނީ އަބަދުވެސް ބާކީކޮށްފައި،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ހުޅުމާލެ ފަޅަކީ ސަފާރީތަކަށް ރަނގަޅު ތަނެކެވެ. އެއާޕޯޓުންް ޓޫރިސްޓުން ގެނެސް އުޅަނދުފަހަރަށް އަރުވާށާއި ބާލަން ވެސް ފަސޭހަ އެވެ. ތެޔޮ ބަރުކުރެވެ އެވެ.
އިގުތިސާދު ކުރިއަށް ދާނީ ވިޔަފާރިތަކަށް ފަސޭހަކޮށްގެންނެވެ. ހިމާޔަތް ދީގެންނެވެ.
ބައެއް ގައުމުތަކުގައި ފެކްޓަރީ ފަދަ ތަންތަން ހަދަން ވެސް ސަރުކާރުން އެހީވެ އެވެ. ކުންފުނިތަކުން ގޮސް ހިންގަންވީ އެވެ. އެގޮތަށް ހަދަނީ އިގުތިސާދު ކުރިއަރުވާށެވެ.
ރާއްޖޭގައި ސަފާރީ އުޅަނދުފަހަރާ މެދު ކަން ކުރަނީ އެއާ ހިލާފަށެވެ. އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ބަންނަ އުޅަނދު އަޅާނެ ރަނގަޅު ބަނދަރެއް ވެސް މި އުޅެނީ ނުލިބިގެންނެވެ. އެކަމަކު ޓެކްސްގެ ތެރެއިން ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ވައްދައިދެ އެވެ.
ހުޅުމާލޭ ޖެޓީ ކައިރީގައި ދަމާފައި ހުރި ފޮތިގަނޑެއްގައި ލިއެފައި އޮތެވެ:
"ސަފާރީ އިންޑަސްޓްރީން ގައުމަށް ހިދުމަތްކުރާއިރު، މި އިންޑަސްޓްރީ ބާކީނުކޮށްލާ"
އިގުތިސާދީ މުހިންމު ބައިވެރިން ބިކަކުރާކަށް ނުވާނެ އެވެ. ސަރުކާރުތަކުގެ ބޭނުމަކީ ޓެކްސްގެ ތެރެއިން އާމްދަނީ އިތުރުކުރުން ކަމަށް ވާ ނަމަ، ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފަހިކޮށްދީ، ހިމާޔަތް ވެސް ދޭން ޖެހޭނެ އެވެ.
ސަފާރީތައް އަޑިއަށް ދުއްވާނުލައި، ހިމާޔަތްދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ