އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލުކޮށް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުގެ ނަމަށް މިއަދު ބަދަލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް އަށް ބަދަލު ކުރެއްވި އިރު ވިޒިޓް މޯލްޑިވްސް އަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ގެންގުޅޭ ބްރޭންޑިން އެވެ.
ތަފްސީލް - އެމްއެމްޕީއާރުސީ އުފެއްދެވީ 4 މާޗު2010 ގައެވެ. ކުންފުނީގެ ނަން ބަދަލު ކުރުމަށް ރައީސް ނެރުއްވި ގަރާރުގައި ފާހަގަކުރައްވާފައިވާގޮތުން ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް އެ ކުންފުނިން ގެންނަން ނިންމާފައިވާ ބަދަލުތައް ގެނައުމަށް ވަނީ ނިންމަވައިފަ އެވެ.
މީގެ ކުރިން ވެސް އެމްއެމްޕީއާރުސީ އިން ވަނީ އެ ކުންފުނީގެ ނަން ބަދަލު ކުރުމުގެ ވިސްނުން ގެންގުޅޭކަން ހާމަކޮށްފަ އެވެ. ހާއްސަކޮށް އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ކުންފުނީގެ ނަން ކިލަނބުވެފައިވާތީ އެއީ ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީގެ ނަން ބޭނުން ކުރަން އޮތް ދައްޗެއް ކަމަށް އޭރު ފާހަގަކުރި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީފަހުން ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރަނީ ވިޒިޓް މޯލްޑިވްސް ބްރޭންޑިން އެވެ. އެ ބްރޭންޑިންގެ ލޯގޯ އަށް ބަދަލުތަކެއް ގެނެސް މިފަހުން ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ