މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލަ ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަން މިއަދު ރަސްމީކޮށް އުވާލައިފި އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން އުފެއްދި ކޮމިޝަނުން ވަނީ މައްސަލަ ތަހުގީގު ކުރުމަށްފަހު ޖޫން 17، ގައި ރިޕޯޓެއް ނެރެފަ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ އެއްވެސް މީހަކު ޔުމްނު ވައްޓާލި ކަމަށް ނުބެލެވޭ ކަމަށެވެ.
އެކަމަކު، ޔުމްނުއާއެކު އުޅުނު އަހުމަދު ރައުދު، 21، ގެ އިހުމާލުތަކެއް އެ މައްސަލައިގައި އޮތް ކަމަށް ބެލެވޭ ކަމަށް ކޮމިޝަނުން ބުންޏެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގުމުން ވެސް އެހީތެރިވެނުދީ ދިޔުމުގެ އިހުމާލެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުންޏެވެ. އެގޮތުން ހާދިސާ ހިނގިތަނުގައި ހެކި ހުރިތޯ ރަނގަޅަށް ކަށަވަރުނުކޮށް ފުލުހުން އެތަނުން ގޮސްފައިވާކަން ކޮމިޝަނުން ބުންޏެވެ.
"ޔުމްނު އެ ރޭގައި އުޅުނީ ހ. ފެންޓެނޯއީގެ 7، 8، އަދި 9 ވަނަ ފަންގިފިލާގައި ކަމާއި، ޔުމްނު އޮތީ ހ. މިޓާޒްގޭގެ ފުރާޅު މަތީގައި ކަމަށް ތަހުގީގަށް އެނގެން އޮތްއިރު، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލާފައިވާކަން އެނގޭ،" ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ނެރުމުން، ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ރައީސް މުހައްމަދު މުއިއްޒު އެންގެވި އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިކަން އެނގިފައެއް ނުވެ އެވެ.
އާއިލާއިން ބޭނުންވެގެން ޔުމްނުއަށް ފަރުވާ ދެމުން އަންނަނީ މެލޭޝިޔާގަ އެވެ. އެ ހާދިސާގެ ސަބަބުން ޔުމްނު ކަރު ބިނދުމުގެ އިތުރުން ވެސް ބައެއް ބޮޑެތި އަނިޔާތައް ލިބުނެވެ. ނަމަވެސް ކަރުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމައިލެވުނު ކަމަށް އާއިލާއިން ބުންޏެވެ.
ޔުމްނު މައްސަލަ ތަހުގީގު ކުރަން ހެދި ރިޔާސީ ކޮމިޝަން އުވާލައިފި ޔުމްނު މައްސަލަ ތަހުގީގު ކުރަން ހެދި ރިޔާސީ ކޮމިޝަން އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ