ހައި ކޯޓުގައި ހުސްވެފައިވާ 2 ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ހައި ކޯޓްގެ ފަނޑިޔާރުކަމުގެ 2 މަގާމު ހުސްވެފައިވަނީ އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދުގެ އިތުރުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަނުކުރުމާ ގުޅިގެންނެވެ.
ޖޭ.އެސް.ސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަގާމަށް ހޮވޭ ފަރާތްތަކުގެ މުސާރައިގެ ގޮތުގައި މަހަކު 67،000 ރުފިޔާގެ މުސާރައިގެ އިތުރުން، އިތުރު އިނާޔަތްތަކެއް ހިމެނޭ ކަމަށެވެ.
މި ދެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:
- މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ މީލާދީ ގޮތުން 25 އަހަރު ފުރިފައިވާ ފަރާތަކަށްވުން.
- މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދި ފޯމް ހުށަހަޅަންޖެހޭނީ ޖޭ.އެސް.ސީގެ 'ފަހިރެސް ޕޯޓަލް' މެދުވެރިކޮށް ނުވަތަ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި އެ ކޮމިޝަންގެ ކައުންޓަރަށް ކަމަށް ޖޭ.އެސް.ސީގެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
ހައި ކޯޓުގައި ހުސްވެފައިވާ މި ދެ މަގާމަށް ކުރިމަތިލުމުގެ އެންމެފަހުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ 12:00ގެ ކުރިންނެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ