ގައުމީ މުބާރާތުގެ މޮޅު އެތުލީޓުންނަށް ޝައްމޫނާއި ޝައިމް ގައުމީ މުބާރާތުގެ މޮޅު އެތުލީޓުންނަށް ޝައްމޫނާއި ޝައިމް

ކުޅިވަރު އެކުވެނީ ސިންތެޓިކް ޓްރެކުގައި މިއަދު ނިމުނު، 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ މޮޅު އެތުލީޓުންގެ މަގާމު، ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝައްމޫން އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ އައިޝަތު ޝައިމް އަޒީޒް ހޯދައިފި އެވެ.
އިންޑިވިޖުއަލް އެތުލީޓަކަށް ބަލާއިރު، މި ފަހަރުގެ ގައުމީ މުބާރާތުގައި ޝައިމް އަކީ އެންމެ ކާމިޔާބު އެތުލީޓެވެ. އައްޑޫ އަށް އުފަން، ޝައިމް މި ފަހަރުގެ ގައުމީ މުބާރާތުގައި ތިން ރަން މެޑަލްގެ އިތުރުން ގައުމީ ރެކޯޑަކާއި މީޓް ރެކޯޑެއް ހެދި އެވެ.
އަންހެނުންގެ ޖެވަލިން އުކުމާއި ހައި ޖަމްޕް އަދި ލޯންގް ޖަމްޕް އިވެންޓުން ޝައިމް ވަނީ ރަން މެޑަލް ހޯދައިފަ އެވެ. ޖެވަލިން އުކުމުން ޝައިމް ވަނީ 27.12 މީޓަރު ދުރަށް އެއްލައިފަ އެވެ. ހައި ޖަމްޕްގެ ގައުމީ ރެކޯޑް އޮތް ޝައިމް، މި ފަހަރުގެ ގައުމީ މުބާރާތުގެ އެ އިވެންޓް ކާމިޔާބުކުރީ، 1.48 މީޓަރު މަތިން ފުންމައިގެން މީޓު ރެކޯޑަކާ އެކު އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، 1.41 މީޓަރު މަތިން ފުންމި ވިކްޓަރީގެ މަރިޔަމް ޝިފްޒާ އަތުގަ އެވެ. ޝައިމް، ގައުމީ ރެކޯޑް ހަދާފައި އޮތީ، 1.50 މީޓަރު މަތިން ފުންމައިގެންނެވެ.
މި ފަހަރުގެ އިވެންޓްގައި، ޝައިމް ލޯންގް ޖަމްޕުން ގައުމީ ރެކޯޑް މުގުރާލިއިރު، އޭނާ ވަނީ، 5.24 މީޓަރު ދުރަށް ފުންމައިފަ އެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ލޯންގް ޖަމްޕުން ގައުމީ ރެކޯޑް ހެދިއިރު، ޝައިމް ފުންމީ 5.20 މީޓަރު ދުރަށެވެ.
މީގެ ކުރިން ޝައިމް ވަނީ، 2023 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދައިފަ އެެވެ.
މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ޝައްމޫން މި ވަނީ ގައުމީ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ވެސް ހޯދައިފަ އެވެ. އޭނާ ވަނީ މީގެ ކުރިން، 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ވެސް މޮޅު އެތުލީޓުގެ މަގާމު ހޯދައިފަ އެވެ.
ޝައްމޫން ވަނީ، ޑިސްކަސް އުކުމުން ރަން މެޑަލް ހޯދުމުގެ އިތުރުން، ޝޮޓް ޕުޓް އުކުމުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. ޝޮޓް ޕުޓް އުކުމުގެ ގައުމީ ރެކޯޑް ހޯލްޑަރު، ޝައްމޫން މި ފަހަރުގެ އިވެންޓް ކާމިޔާބުކުރީ، 10.41 މީޓަރު ދުރަށް އެއްލައިގެންނެވެ. އަދި، ޑިސްކަސް އުކުމުން ޝައްމޫން ވަނީ، 29.04 މީޓަރު ދުރަށް އެއްލައިފަ އެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް ހޯލްޑަރަކީ ވެސް ޝައްމޫން އެވެ.
މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން ޓީމުގެ މަގާމާއި ފިރިހެން ޓީމުގެ މަގާމު ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ. އެންމެ ފަހުން ހަތް ފަހަރު ވެސް އެންމެ މޮޅު އަންހެން ޓީމުގެ މަގާމު ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން މި ވަނީ، މޮޅު ފިރިހެން ޓީމުގެ މަގާމު ފުރަތަމަ ފަހަރަށް ހޯދައިފަ އެވެ.
ފިރިހެން ބައިގެ ރޭންކިންގައި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނަށް 196 ޕޮއިންޓް ލިބުނުއިރު، ސިފައިންނަށް ލިބުނީ، 185 ޕޮއިންޓެވެ. މިދިިޔަ 20 އަހަރު ތެރޭ، ސިފައިންނަށް މޮޅު ފިރިހެން ޓީމުގެ މަގާމު ގެއްލުނީ ދެ ފަހަރު އެވެ. އެއީ މި އަހަރުގެ އިތުރުން، 2023 ވަނަ އަހަރު ސާއިދު ސްޕޯޓްސް އަށެވެ. މޮޅު އަންހެން ޓީމުގެ މަގާމު 206 ޕޮއިންޓާ އެކު، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދިއިރު، ދެ ވަނަ އަށް ދިޔަ ކަސްޓަމްސް އަށް ލިބުނީ، 186 ޕޮއިންޓެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ