ފްލެޓަށް ޕޮއިންޓް ލިބުނު ގޮތް އާއްމުކުރަން އިސްލާހެއް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ފްލެޓް މީހުންގެ ލިސްޓު އާއްމު ކުރާއިރު، އެ މީހަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު އާއްމު ކުރަން ޖެހޭ ގޮތް ހެދުމަށް އެދި، ބޯހިޔާވަހިކަމުގެ ބިލަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟- މިހާރު ރައްޔިތުން މަޖިިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް އެ ބިލަށް އިސްލާހު ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި މުހައްމަދު އިބްރާހިމް އެދިވަޑައިގެންފައިވަނީ، އެ ބިލުގައި މިހާރު ހިމަނާފައިވާ ކަންކަމުގެ އިތުރުން، އިތުރު ކަންތައްތަކެއް ހިމެނުމަށެވެ.
އެގޮތުން ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން، ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓެއް، ހައުސިން މިނިސްޓްރީން ހިމަނަން ވާނެ ކަމަށް ސިޓީގައި ވިދާޅުވި އެވެ.
އެ ލިސްޓުގައި ހިމެނުމަށް އޭނާ އެދިވަޑައިގެންނެވީ ކުރިމަތިލާ މީހާގެ:
ފުރިހަމަ ނަން
ދާއިމީ އެޑްރެސް
ޝަރުތުހަމަވާކަން ނުވަތަ ނޫންކަން، އަދި ޝަރުތު ހަމަނުވާ ނަމަ އޭގެ ސަބަބު
ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލު
އެނގުން މުހިއްމު- މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ކުރީގެ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުގެ ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރި އިރު ޕޮއިންޓް ދިން ގޮތް ނޭނގޭތީ ބޮޑު މައްސަލަގަނޑަކަށްވި އެވެ. އެ މައްސަލައިގައި ބަޔަކު ހައުސިން މިިނިސްޓްރީއަށް ވަދެ އިހްތިޖާޖު ވެސް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ