ކައްވަޅުގައި އޮތަސް އެމީހަކަށް މީސްތަކުންގެ ތަޢްރީފާ ޘަނާ ލިބި ޘަވާބު އިތުރުވުމަށް އެދޭ މީހާ ޢަމަލުކުރަން އޮތް ގޮތާ ކުރަން އޮތް ދުޢާ!

ކޮންމެ މީހަކުވެސް މަރުވުމާއި ހަމައިން ހެޔޮ ޢަމަލުތައް ކުރުމުގެ ދޮރު ބަނދުވެގެންދިއައީއެވެ. މަރުގެ މަލާއިކަތާ ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ފެންނަ ހިސާބުން ތައުބާވުމުގެ ދޮރުވެސް އަދި ހެޔޮ ޢަމަލެއް ކުރުމުގެ ދޮރުވެސް އެމީހަކަށް ބަންދުވީއެވެ. 
ދެން އެމީހަކަށް ފައިދާކުރާނީ ނުވަތަ އިތުރު ޘަވާބު ލިބޭނީ އެމީހަކު ދުނިޔޭގައި ހުރެގެން އެފަދަ ޢަމަލެއް ކޮށްފައިވާނަމަ އެކަމަކުންނާއި މީސްތަކުންގެ ދުޢާއިންނެވެ. ވީމާ މަރުވުމަށްފަހުގައިވެސް މީސްތަކުންގެ ދުޢާލިބޭނެ ފަދަ ގޮތަށް ދުނިޔޭގައި އުޅުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.  
ސުވާލަކީ އަހުރެމެންނަށް ދުނިޔޭގައި އުޅެވެނީ އެގޮތަށް ހެއްޔެވެ؟ އެންމެ ކުޑަމިނުން ޢާއިލާގެ ތައްރީފާއި ދުޢާ ލިބޭނެ ގޮތަށް ހެއްޔެވެ؟ މިހެން ބުނަން މިޖެހެނީ ބައެއް މީހުން މަރުވަނީ އެމީހުންނަށް ދުނިޔޭގައި އުޅެވޭގޮތުން އެމީހުންގެ ޢާއިލާއިންވެސް އެމީހަކާއިމެދު ކަންބޮޑުވެގެން ތިއްބައިކަމެވެ. އެމީހަކު ދުނިޔޭގައި ނެތުން ރަނގަޅުކަމަށް ބެލެވެމުންދަނިކޮށެވެ.  
މިއީ ވަރަށް ދެރަ ކަމެކެވެ. ވަރަށް ހިތާމަވެސް ހުރިކަމެކެވެ. އަހުރެމެންގެ ޢަމަލުތައް އިޞްލާޙްކުރަން އެބަޖެހެއެވެ. އެންމެންގެ ރުހުން ނުހޯދިދާނެއެވެ. އެއީއަކީ މައްސަލައެއްވެސް ނޫނެވެ. އެހެނަސް އެހެން މީހުން ނަފްރަތުކުރަން ނުޖެހޭނެ ގޮތަށް ކޮންމެ މީހަކަށްވެސް ދުނިޔޭގައި އުޅެވިދާނެއެވެ. އެގޮތުން އެހެން މީހުންނަށް ނުބައިބަސްތައް ނުބުނެ ހުރެވިދާނެއެވެ. މީހުން ނަފްރަތުކުރާނެ ކަންކަން ނުކޮށް ހުރެވިދާނެއެވެ.  
މަރުވުމަށްފަހުގައި މީސްތަކުންގެ ތަޢްރީފް ލިބިވަޑައިގަންނަވާނެ އަޅަކު ކަމުގައި ލެއްވެވުން އެދިވަޑައިގެން އިބްރާހީމްގެފާނު ދުޢާފުޅު ކުރެއްވެވިއެވެ. އެދުޢާ ﷲ ތަޢާލާ ޢިޖާބަކުރެއްވެވިއެވެ. އަދި އެދުޢާ ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވަވައިގައެވެ.  
وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ 
"ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ޘަނާ ލައްވާނދޭވެ!"
(އައްޝުޢަރާޅ 84)  
އެންމެ ފުރަތަމަ މަސައްކަތްކުރަންވީ މިފަދައިން ދުޢާކުރުން ޙައްޤު މީހަކު ކަމުގައިވުމަށެވެ. އެކަމަށްޓަކައި ތިމާޢަށް ޢަމަލުކުރަންޖެހޭނެ ގޮތް ކުރިން މިބަޔާންކުރީއެވެ. ވީމާ ފުރަތަމަ ކަމަކަށް މީހާގެ ޢަމަލުތައް އެހެން މީހުންނަށް އުނދަގޫނުވާނެ ގޮތަށް ބަހައްޓާށެވެ. އެހެން މީހުންގެ ހިތުގައި ޖެހޭނެ ފަދަ ކަންކަން ނުކުރާށެވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! އެންމެންނަށްވެސް ލޯބިދީ ހެޔޮކޮށް ހިތާށެވެ!  
އެއަށްފަހު މިފަދައިން ދުޢާކުރާށެވެ! އެކަމުގެ ޘަބަބުން ތިބާ މަރުވުމަށްފަހުގައިވެސް ތިބާއަށް ޘަވާބު އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
 
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ