11 ބިލިއަނުން ގެއްލުން ލިބި، "ބަހައިލި" ބިންތައް މިއޮއް ވާވަނީ!
ބޯހިޔާވަހިކަން ހައްލުކުރަން، ރާއްޖޭގައި ބިން އެންމެ އަގުބޮޑު ހުޅުމާލެއިން، ހާހެއްހާ ބިން މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ހިލޭ ބަހައި ނިންމާލައިފިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ހިސާބުތަކާއި، މި ވަގުތަށް ބަންދުކޮށްފައި އޮތް ފޭސް ދޭއްގެ ސަރަހައްދުން، އިން ވަކިކޮށް މުޑި ޖަހައި، ބިންތައް ހަވާލުކުރީ މީގެ 500 އެއްހައި ދުވަސް ކުރިންނެވެ. ބޯހިޔާވަހިކޮށްލާނެ ގެދޮރެއް އަޅާނެ ބިމެއް ނެތިގެން ހޯދި އެ ބިންތައް ދޫކުރިތާ މިހާ ދުވަސްވީއިރު އަދިވެސް އެ ބިންތައް އޮތީ ހުހަށެވެ. ފަޅަށެވެ. 11 ބިލިއަނެއްހާ ރުފިޔާއަށް އަގުއަރާ އަގުހުރި ބިންތައް މިއޮއް ޖަންގަލިވެ, ވާ ވަނީއެވެ. ބިންތައް ވާވާންވީ ކީއްވެ؟ ބިންވެރިޔާ ސްކީމުގައި ބައިވެރިވެ، ބިންތައް ލިބުނު އެންމެން ވެސް އުންމީދުކޮށްގެން ތިބީ ވަރަށް ފޮނިކޮށެވެ. ބިމެއް ލިބުމުން، ލޯނު ނަގައިގެން ނުވަތަ އެ ފަދަ މަސައްކަތް ކުރާ ކުންފުނިތަކާ ހަވާލުކޮށް އެ ބިންތަކުގައި ގެދޮރު އަޅަން ވީހާ ވެސް އަވަހަށް މަސައްކަތް ފަށާށެވެ. އަވަހަށް މަސައްކަތް ފަށަން ހިތުލައިގެން ގިނަ ބަޔަކު ތިބި ނަމަވެސް، އެ ކަމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ، އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނެޓްވޯކެއް ދެވަނަ ފިޔަވަހިން ބިންތައް ދޫކުރި ސަރަހައްދުގައި އަޅައިފައި ނެތުމެވެ. އަދި ބިންތައް ދޫކޮށްފައި އޮތް ސަރަހައްދުގައި ހުންނަންޖެހޭ މަގުތަކާއި، ދުވާރުތައް ފަދަ ތަންތަން ވެސް ހަދައިފައި ނެތުމެވެ. އެހެންވެ، ގެދޮރު އިމާރާތްކުރަން ބޭނުންވި ނަމަވެސް ގިނަ ބަޔަކަށް އަދިވެސް ތިބެން މަޖުބޫރުވެފައި އޮތީ އެ ބިންތައް ފަޅުވާން ދޫކޮށްލައިގެން ތިބޭށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރި ބިންވެރިޔާ ސްކީމުގެ ބިންތައް ހިމެނޭ ސަރަހައްދު -- "އަޅުގަނޑުމެންނަށް ވެސް އޮތް ބިމެއް ލިބިފައި، ހަމަ ހުޅުމާލެއިން. އެއިރު ފުރަތަމަ މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަކޮޅު ބިން ހަވާލުކުރީ. އެއިރު [ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން] އެޗްޑީސީގެ ޕޯޓަލުން ވަށާފާރު ވެސް ރާނަން ހުއްދަ ހޯދިން. އެ ކަމަކު ދެން އިތުރަށް ނެތް ކަންނޭނގެ ކުރިއަށް ދެވޭކަށް،" ހުޅުމާލެއިން ބިން ލިބުނު މީހަކު ބުންޏެވެ. ބިންވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ކަރަންޓާއި ފެން ނެޓްވޯކު ނޭޅި، ގޯތި ދީފައި އޮތް ސަރަހައްދުގައި މަސައްކަތް ކުރިއަށް ނުގެންދެވޭހެން ދިގުލައިގެން ގޮސްފައި އޮތުމެވެ. ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެ ފަދަ އަސާސީ ޚިދުމަތްތައް ނެތުމަކީ، ގެދޮރު އިމާރާތްކުރަން ދިމާވާނެ ދައްޗެކެވެ. ސަބަބަކީ، އިމާރާތްކުރުމުގެ މަސައްކަތަށް ވެސް ކަރަންޓާއި، ފެން ބޭނުންކުރަން ޖެހޭތީއެވެ. "މިހާރު އެ ކަހަލަ ކަންކަން ނެތިއްޔާ ޖެހޭނީ ކަރަންޓު ހޯދަން ޖެނެރޭޓަރެއް ގެންނަން. އެއީ ވެސް ވަރަށް ފައިސާ ޚަރަދުވާ ކަންކަން. އަނެއްކާ ކޮންކްރީޓް މަސައްކަތަކީ ފެން ވަރަށް ބޭނުންވާ ކަންކަން. ފެން ނެތިއްޔާ ދެން ޖެހޭނީ އިރުއިރުކޮޅުން ފެން ބަރުކޮށްގެން ފެން ޓޭންކަރުތައް ގެންނަން ދެއްތޯ،" އޭނާ ވިދާޅުވިއެވެ. ފެނެއް ކަރަންޓެއް ނެތް؛ ނިމޭނެ ތާރީޚެއް ވެސް ނޭނގެ މި އަހަރުގެ ކުރީކޮޅު، މާޗް 10ވަނަ ދުވަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ، އެ ސަރަހައްދުގައި ފެނާއި ކަރަންޓު ނެޓްވޯކް އެޅޭނެ ތާރީޚަކާ ގުޅޭގޮތުން ސުވާލުކުރުމުން ލިބުނު ޖަވާބުގައި ބުނީ މި އަހަރު ނިމެންވާއިރަށް މަސައްކަތް ނިންމައިލެވޭނެކަމަށެވެ. ނަމަވެސް އަހަރު ނިމެން ދޮޅު މަހެއްހާ ދުވަހަށްވެފައިވާއިރު، އަދިވެސް އެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލެއް އެ ކުންފުންޏަކުން ހާމައެއް ނުކުރެއެވެ. https://sun.mv/203509 އެޗްޑީސީއާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ޖަވާބެއް ވެސް ދީފައެއް ނުވެއެވެ. އެހެންވެ އެ މަސައްކަތް ނިމޭނެ ތާރީޚެއް ވެސް އެނގޭކަށް ނެތެވެ. "އެންމެ ބޮޑު ކަންބޮޑުވުމަކީ، މިކަމުގައި މަސައްކަތް ދިޔަ ހިސާބު ވެސް ނޭނގޭތީ. މިހާރު އަޅުގަނޑުމެން ވެސް ބޭނުންވާނެ ދެއްތޯ މަސައްކަތް ދިޔަ ހިސާބެއް ވެސް އެނގެން. އެފަދަ އެއްވެސް ކަމެއް ގޮސްފައި އޮތް މިންވަރު ނޭނގޭތީ އެއީ ވަރަށް ބޮޑު ދެރައެއް،" ބިން ލިބުނު މީހަކު ބުންޏެވެ. އެ ބިންތަކުގައި މަސައްކަތެއް ނުހިނގައެވެ. ބައެއް ބިންތަކުގައި ގަސް ހައްދަމުން އަންނައިރު، ބައެއް ބިންތައް ބޭނުންކުރަނީ ކާރު ޕާކިން ޖާގައެއް ގޮތުގައެވެ. މި ސަރުކާރުން ކުރިއަށް ގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ، ރަސްމާލެ ހިއްކަން ފެށުން -- ފޮޓޯ/ ރައީސް އޮފީސް ހަމައެކަނި މާލޭ ސަރަހައްދެއް ނޫނެވެ. މުޅި ރާއްޖޭގައި ވެސް ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެ ކަމަށް ބޮޑު ޚަރަދެއް ކޮށްގެންނެވެ. ހިއްކި ބިންތަކުން އެތައް ރަށެއްގައި ގޯތި ދީފައި ވެސް އެބަހުއްޓެވެ. އަދި ހުހަށް، އެ ބިންތަކުގެ ބޭނުން ނުހިފި، އެތައް ރަށެއްގައި، އެ ބިންތައް ވާވާން ދޫކޮށްފައި ވެސް އެބަހުއްޓެވެ. ހިއްކި ބިންތައް، އާމްދަނީ ލިބޭނެ ބިންތަކަކަށް ބަދަލުކުރަން ކުރާ މަސައްކަތެއް ނެތެވެ. މިހެން މިކަން އޮއްވައި، ރާއްޖޭގައި ބިން އެންމެ އަގު ބޮޑު، އަދި އެންމެ ބޮޑު ނަފައެއް ހޯދޭނެ ހުޅުމާލެއިން އެތައް ސަތޭކަ ބިމެއް ހިލޭ ދޫކޮށް، އެ ތަންތަނުގައި މަސައްކަތްތެއް ނުހިނގައި ވާ ވާން ދިއުމަކީ ބޮޑު ކަންބޮޑުވުމެކެވެ. އަސާސީ ޚިދުމަތްތައް ގާއިމްނުވެ އޮތުމުގެ ސަބަބުން އެ ބިންތައް ދޫކުރި އަސްލު މަގްސަދު ކަމަށްވާ ބޯހިޔާވަހިކަމަށް ގެދޮރު ވެސް އެޅޭނެ މަގެއް ބިން ލިބުނު ފަރާތްތަކަށް ނެތެވެ. އެ ބިންތައް ލިބުނަސް، އުޅެންޖެހިފައިވަނީ އެއް ބަޔަކު ބޮޑުކުލީގެ އަޅުންގެ ގޮތުގައެވެ. އަނެއް ބަޔަކު، ކުދިކުދި ޖާގަތަކުގައި ފިތިބާރުވެގެންނެވެ. އަސާސީ ޚިދުމަތެއް ގާއިމްވެފައި ނެތް ތަނަކުން ބިންތަކެއް އެކަނި ދޫކުރިއަސް، ގެދޮރު ބޭނުންވާ ރައްޔިތަކަށް ކުރާނެ މަންފާއެއް ނޯންނާނެއެވެ. ހުރިހާ ޚިދުމަތެއް ލިބޭ ހުޅުމާލޭގައި ފަޅުވެ، ވާވާން ދޫވެފައިވާ ގޯތިތަކުން ބުނެދެނީ އެ ވާހަކައެވެ. އެ ބިންތަކުން މަންފާއެއް ރައްޔިތުންނަށް ވާނެ ގޮތް ފަހިކޮށްދޭން ބޭނުން ނަމަ ވީހާ ވެސް އަވަހަކަށް އެ ތަނުގައި ގާއިމްކުރަންވީ ފެނާއި، ކަރަންޓާއި، ނަރުދަމާއާއި މަގުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ