ށ. މިލަންދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސް މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ބަނދަރާ އެކު، އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން ހިމެނޭހެން މި އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ.
އެ މަޝްރޫއު އަމަލީ ގޮތުން ފަށަން ބޭއްވި ރަސްމިޔާތުގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ޒަމީރެވެ.
ތަފްސީލް - މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާނެ ކަމަށެވެ. ރައީސް ވިދާޅުވީ:
މިލަންދުއަށް ވީ އެންމެ ބޮޑު ވައުދަކީ އެއާޕޯޓެއް އަޅައިދިނުން
މި އެއާޕޯޓަކީ މިލަންދުއަށް ވަރަށް މުހިންމު ތަނެއް
އެއާޕޯޓު މަޝްރޫއުގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ 40 ހެކްޓަރުގެ ބިން ހިއްކާނެ
އެއާޕޯޓުގެ މަސައްކަތަށް ބަނދަރު އޮތް ތަން ބަދަލުކުރަން ޖެހޭތީ، ބަނދަރު އިތުރަށް ތަރައްގީކުރުން ހިމެނޭހެން އެ މަސައްކަތް ވެސް ކުރާނެ
"ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން އަށް މަސް ދުވަސް ތެެރޭގައި ނިމިގެންދާނެ. މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި، މާނައަކީ ދެ އަހަރާ ބައި އެންމެ ގިނަވެގެން ވެގެންދާނީ މި އެއާޕޯޓު ނިންމަން،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިދެންނެވި ބަނދަރު ބަދަލުކުރުމާއި ބިން ހިއްކުން ވެސް ހިމެނޭހެން މި ރަށުގެ އެއާޕޯޓު ހަދާ އިރާދަކުރެއްވިއްޔާ ނިންމާފައި ހުޅުވާނަން."
ރައީސް ވިދާޅުވީ އެ މަޝްރޫއު ފެށީ ކުރިޔާލައި ކަންކަން ތަރުތީބުކޮށް އިންތިޒާމުތައް ހަމަޖައްސައިގެން ކަމުން، އެ މަސައްކަތް ކުރިއަށްދާނީ އެއްވެސް މަޑުޖެހުމެއް ނެތި ހަލުވި ދުވެލީގައި ކަމަށެވެ.
މިއަދު ފެށި އިތުރު މަސައްކަތްތަކަކީ:
ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް
50 ހައުސިން ޔުނިޓުގެ މަސައްކަތް
މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް
ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް
ފިޓްނެސް އެންޑް ސްޕޯޓްސް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް
އެނގުން މުހިންމު - މި ދަތުރުފުޅުގައި ރައީސް ވަނީ، އެ އަތޮޅު ބިލެތްފައްސާއި ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ވެސް ފަށްޓަވައިދެއްވައިފަ އެވެ. އެހެންކަމުން މިހާރު އެ އަތޮޅުގައި ހިންގަމުން އަންނަ ފުނަދޫ އެއާޕޯޓާ އެކު ހަތަރު އެއާޕޯޓް ކުރިއަށް އޮތް ތަނުގައި އޮންނާނެ އެވެ.
މިލަންދޫ އެއާޕޯޓު މަސައްކަތް ފަށައިފި؛ ރައީސް ވިދާޅުވީ ދެ އަހަރު ތެރޭ ނިންމާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ