އަށް މަހުން ބިން ހިއްކައި 30 މަހުން މިލަންދޫގައި އެއާޕޯޓު ހުޅުވާނަން: ރައީސް

މިއަދުން ފެށިގެން އަށް މަސްދުވަހުގެ ތެރޭ ށ. މިލަންދޫގެ ބިން ހިއްކައި، ދެ އަހަރާއި ބައިގެ ތެރޭގައި އެ ރަށުގައި އެއާޕޯޓު އަޅައި ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މިލަދުންމަޑުލުގެ ދަތުރުފަތުރުގެ ކަންކަން އޮތް ގޮތަށް ބަލާއިރު، އެ ސަރަހައްދަށް، އަދި އެ ރަށަށް އެއާޕޯޓެއް ކޮންމެހެން މުހިންމު ކަމަށެވެ. "އަޅުގަނޑުމެން ވަރަށް ގިނަ ގޮތްގޮތުން ބަލާފަ، ރަށުގައި އެއާޕޯޓު އަޅާނެ ގޮތާއި އެޅެން އޮތް ގޮތާއި ރަށުގެ ބިން އެންމެ ހެޔޮ ގޮތުގައި ބޭނުން ހިފޭނެ ގޮތާއި، މި ހުރިހާ ގޮތަކަށް ބަލާފައި ސަރުކާރުން ކަމާބެހޭ ފަރާތްތަކުން ބައްލަވާ ހައްދަވާފައި މިގޮތަށް މި ނިންމީ، އެއާޕޯޓު އަޅާނެ ތަނާއި އެ އޮރިއެންޓޭޝަނާއި މި ހުރިހާ ތަފުސީލެއް،" އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިލަންދޫގައި އެއާޕޯޓު އެޅުމަށްޓަކައި ބަނދަރު އެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭނެ ކަމަށާއި، އެހެންކަމުން އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާނީ އެ މަސައްކަތްވެސް ހިމެނޭ ގޮތަށް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި މި މަޝްރޫއުގެ ދަށުން މިލަންދޫގެ ބަނދަރު ވެސް ރަނގަޅު ފެންވަރަކަށް ތަރައްގީވާނެއެވެ. "ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަ ދުވަސްވެގެން އަށް މަސް ދުވަހުގެ ތެރޭގައި ނިމިގެން ދާނެ، މިއަދުން ފެށިގެން 30 މަސްދުވަހުގެ ތެރޭގައި، މާނައަކީ ދެ އަހަރާއި ބައި އެންމެ ގިނަވެގެން ވެގެންދާނީ މި އެއާޕޯޓު ނިންމަން،" ރައީސް ވިދާޅުވިއެވެ. މިލަންދޫގައި އެއާޕޯޓު އެޅުން ހަލުވި ދުވެއްޔެއްގައި ނިންމާލައި، މި މުއްދަތުގައި ހުޅުވޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ