'ސައްޔާރާ'އަކީ މި ޖީލުގެ 'ސަނަމް ތޭރީ ކަސަމް' ކަމަށް ބުނެފި

ބޮކްސް އޮފީހުގައި ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު ޔަޝް ރާޖް ފިލްމްސް ލޯބީގެ ފިލްމު "ސައްޔާރާ" ގިނަ ބަޔަކަށް ކަމުދިޔައީ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމު "ސަނަމް ތޭރީ ކަސަމް"ގައި ވެސް ކުރީގެ ލޯބިވެރިޔާ ދޫކޮށްލުމަށް ފަހު އާ ލޯބިވެރިޔަކާ އެކު މުޅިން އާ ސަފުހާއެއް ހުޅުވި އެ ލޯބި ކާމިޔާބުވުމުން ފިލްމުގެ ސްޓޯރީ ގިނަ ބަޔަކަށް ކަމުދިޔަ ކަމަށް އިންޑިއަންއެކްސްޕްރެސްގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ. އެހެންކަމުން ޑައިރެކްޓަރު މޯހިތު ސޫރީ ވެސް "ސައްޔާރާ" ވުޖޫދަށް ގެނައިއިރު ފިލްމުގެ ޕްލޮޓް ތައްޔާރުކުރީ އެ ވިސްނުމާ އެކު ކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. މޯހިތު ބޭނުންވީ 1980އިގެ އަހަރުތަކުގެ ރަހަތަކާ އެކު މި ޒަމާނުގެ ޒުވާނުންނާ ވީހާ ވެސް ގުޅޭނެ ކަހަލަ ފިލްމެއް އުފައްދަން ކަމަށާއި ފިލްމު "ސައްޔާރާ"އިން އެކަން ހާސިލުވެ، ގިނަ ބަޔަކަށް ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ހަނދާން އާކޮށްދިން ކަމަށް ވެސް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. ފިލްމު "ސައްޔާރާ"ގެ މަންޒަރެއްގައި އަހާން އާއި އަނީތު--ފޮޓޯ/ފިލްމުފެއަ ދާދި ފަހުން ތިއޭޓަރުގައި ދެވަނަ ފަހަރަށް ރިލީޒްކުރި "ސަނަމް ތޭރީ ކަސަމް"އަށް އެ ފިލްމު ރިލީޒްކުރި އަހަރަށްވުރެ އެތައް ގުނަ ބޮޑު އަދަދަކުން ވަނީ ފައިދާވެފައެވެ. އޭގެ ފަސް މަސް ދުވަސް ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމު "ސައްޔާރާ"ގެ ނިމުން ވެސް ރީތި ކަމަށާއި "ސަނަމް ތޭރީ ކަސަމް"ގެ ނިމުމާ މެދު ދެރަވެފައި ތިބި ބެލުންތެރިންގެ މޫނުމައްޗަށް މޯހިތުގެ ފިލްމުން ހިނިތުންވުމެއް ގެނެސްދިން ކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ. ޒުވާން ފިލްމީ ތަރިން ކަމަށްވާ އަނީތު ޕައްޑާއާއި އަހާން ޕާންޑޭ ލީޑް ރޯލް ކުޅުނު ފިލްމު "ސައްޔާރާ" 50 ދުވަސް ފަހުން ސިނަމާތަކުން ނެގިއިރު ބޮކްސް އޮފީހުގައި ފިލްމަށް ވަނީ 500 ކްރޯޑު ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. މި ފިލްމު މިހާރު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައިވާއިރު ސިނަމާގައި ފިލްމު ދެއްކިއިރު ނުފެންނަ މަންޒަރުތައް ނެޓްފްލިކްސްގެ ފިލްމުން ފެންނާނެ ކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ