ޣައްޒާގެ ހަނގުރާމަ ހުއްޓާލަން ގޮވާލި ގަރާރު އެމެރިކާއިން އަނެއްކާވެސް ވީޓޯކޮށްފި
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އދ ގެ ސަލާމަތީ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރު އެމެރިކާއިން އަނެއްކާ ވެސް ވީޓޯކޮށްފިއެވެ. ސަލާމަތީ މަޖިލީހުގެ 15 މެންބަރު ގައުމުގެ ތެރެއިން 14 މެންބަރުން ގައުމުން ވަނީ އެ ގަރާރަށް ތާއީދުކޮށްފައެވެ. ސަލާމަތީ މަޖިލީހުގެ ގަރާރެއް ތަސްދީގު ކުރުމަށް، އެކަމަށް ތާއީދުކުރާ މަދުވެގެން ނުވަ ވޯޓާއި ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިލާތް، ރަޝިޔާ ނުވަތަ ޗައިނާގެ ތެރެއިން އެއްވެސް މެންބަރު ގައުމަކުން ގަރާރު ވީޓޯކޮށްގެން ނުވާނެއެވެ. ދާއިމީ ފަސް މެންބަރު ގައުމަކީ ވީޓޯކުރުމުގެ ބާރުލިބިފައިވާ ފަސް ގައުމެވެ. ކައުންސިލުން އިންތިޚާބުވި 10 މެންބަރުން ޑްރާފްޓްކުރި އެ ގަރާރަކީ ކުރީގެ ގަރާރުތަކާ ޚިލާފަށް ޣައްޒާގެ ހާލަތު މާ ބޮޑަށް ސިފަކޮށްދީފައިވާ ގަރާރެކެވެ. އެ ގަރާރަށް ވޯޓު ދީފައިވަނީ އިސްރާއީލުގެ ޓޭންކްތަކާއި ޖެޓްތަކުން އެއްގަމާއި ވައިގެ މަގުން ޣައްޒާ ސިޓީއަށް ހަމަލާދީ ފަލަސްތީނުގެ ރައްޔިތުން ދެކުނަށް ފިލަން މަޖުބޫރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އދ އަށް ކަނޑައަޅާފައިވާ ފަލަސްތީނުގެ ދާއިމީ މަންދޫބު ރިޔާދު މަންސޫރު. ފޮޓޯ/ރޮއިޓާސް އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ޝަރުތަކާ ނުލައި ވަގުތުން ވަގުތަށް އަދި ދާއިމީކޮށް ހުއްޓާލުމަށް އެ ގަރާރުގައި ގޮވާލާފައިވެއެވެ. އޭގެ އިތުރުން ރަހީނުކޮށްފައިވާ މީހުން ވަގުތުން ޝަރުތުތަކާ ނުލައި ދޫކޮށްލުމަށް ވެސް ގަރާރުގައި ވަނީ ގޮވާލާފައެވެ. ހަނގުރާމަ ހުއްޓާލުމުގެ ގަރާރަށް އެމެރިކާއިން މީގެ ކުރިން ވެސް އެތައް ފަހަރަކު ވަނީ ދެކޮޅު ހަދާފައެވެ. އެންމެ ފަހުން މިދިޔަ ޖޫން މަހު ހުށަހެޅި ގަރާރު ވެސް އެމެރިކާއިން ވީޓޯކޮށްފައިވެއެވެ. ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް އެކަމާބެހޭ ގޮތުން ކުރި ތަހުގީގުތަކަށް ފަހު އދ އިން ފުރަތަމަ ފަހަރަށް ސެޕްޓެންބަރު 16 ވަނަ ދުވަހު ވަނީ ކަނޑައަޅާފައެވެ. ނަސްލު ނައްތާލުމުގެ މަގުސަދުގައި ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 65،141 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ