އިންޑިއާ ކުޅުންތެރިން ސަލާމްކުރަން ދެކޮޅު ހެދި ކަމަށް ޕާކިސްތާން ކޯޗު ބުނެފި އިންޑިއާ ކުޅުންތެރިން ސަލާމްކުރަން ދެކޮޅު ހެދި ކަމަށް ޕާކިސްތާން ކޯޗު ބުނެފި

ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސެޕްޓެމްބަރު 16) - މިހާރު ކުރިއަށްދާ ކްރިކެޓްގެ އޭޝިއާ ކަޕްގައި އެންމެ ފަހުން ކުޅުނު މެޗުގައި، އިންޑިއާ އިން ހަތް ވިކެޓުން ޕާކިސްތާން ބަލިކުރިއިރު، އެ މެޗަށް ފަހު، އިންޑިއާގެ ކުޅުންތެރިން ޕާކިސްތާންގެ ކުޅުންތެރިންނާ ސަލާމްކުރަން ދެކޮޅު ހެދި ކަަމަށް އެ ޓީމުގެ ކޯޗު، މައިކް ހެސަން ބުނެފި އެވެ.
އޭޝިއާ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މި މެޗުގައި، ގުރުއަތުނެގުމަށް އައުމަށް ފަހު، އިންޑިއާގެ ކެޕްޓަން، ސޫރްޔާކުމާރު ޔާދަވް އާއި ޕާކިސްތާންގެ ކެޕްޓަން، ސަލްމާން އަގާ ވެސް ސަލާމްކޮށްފައިނުވާއިރު، މެޗަށް ފަހު، އިންޑިއާގެ ކުޅުންތެރިން ނިންމާލި ގޮތަށް ދަނޑުން ފައިބައިގެންދިޔައިރު، ޕާކިސްތާން ކުޅުންތެރިން ދަނޑުމަތީގައި ތިއްބެވެ.
އިންޑިއާ އާއި ޕާކިސްތާންގެ ގުޅުން ގޯސްވެފައިވަނީ، މި އަހަރުގެ އޭޕްރީލް މަހު، ޕަހާލްގަމްގައި ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު، ދެ ގައުމުގެ މެދުގައި، މިލިޓަރީ ހަމަލާތައް ބަދަލުކުރުން ހަތަރު ދުވަހަށް ދިގުދެމިގެންދިއުމާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ހެދި އެެވެ.
ނިއު ޒީލެންޑަށް ނިސްބަތްވާ ޕާކިސްތާން ޓީމުގެ ކޯޗު، ހެސަން ބުނީ، އެ ޓީމުން ތައްޔާރުވެ ތިބީ މެޗަށް ފަހު ސަލާމްކުރުމަށް ކަމަށެވެ. އެކަމަކު، އިންޑިއާ ކުޅުންތެރިން މެޗު ނިމުމާ އެކު އެ ކަމަށް ފުރުސަތު ނުދީ ދަނޑުން ދިޔައީ ކަމަށް ހެސަން ވަނީ ބުނެފަ އެވެ. އަދި، ގުރުއަތުލުމުގައި ޕާކިސްތާންގެ ކެޕްޓަން، އަގާ ސަލާމްނުކުރީ ކީއްވެތޯ، އެހުމުން ހެސަން ބުނީ، އެއީ، އިންޑިއާ އިން އެ ފުރުސަތު ނުދިނުމުން ކަމަށެވެ.
އިންޑިއާގެ ކެޕްޓަން، ސޫރްޔަކުމާރު ވަނީ، ޕާކިސްތާން އަތުން ލިބުނު މޮޅަކީ އިންޑިއާގެ ރައްޔިތުންނަށް ދިން ހަދިޔާއެއް ކަމަށް ބުނެފަ އެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އިންޑިއާ އިން ވަނީ ގަދަ ހަތަރު ޓީމު ކުޅޭ ބުރުން ޖާގަ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ