ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ނެތިގެންދާ ގޮތަށް "މީޑިއާ އެންޑް ބްރޯޑްކާޓިން ރެގިއުލޭޝަން" ބިލު ތަޅުމުން ފާސްކުރަން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ ނޫސްވެރިންގެ މުޒާހަރާ ފަށައިފި އެވެ.
ދައުރުން ބޭރުން ޖަލްސާއެއް އޮންނާނެކަން މަޖިލީހުގެ އިދާރާއިން އިއުލާނުކުރީ އިއްޔެ އެވެ. އެއާއެކު ރެ އާއި މިއަދު ނޫސްވެރިން ދަނީ މީޑިއާތަކަށް މައުލޫމާތު ދޭން މަޖިލީހުން ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި އެޖެންޑާ އާއި ޖަލްސާ އޮންނަ ގަޑި ސާފުކުރުމަށް ސުވާލުކުރަމުންނެވެ.
ތަކުރާރުކޮށް ކުރި ސުވާލުތަކަށް މަޖިލީހުގެ މީޑިއާ ޓީމުން މިހާތަނަށް ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ޖަލްސާގެ އެޖެންޑާ ފައިނަލް ވުމުން ހިއްސާ ކުރާނެ ކަމަށެވެ.
މުޅި ގްރީން ޒޯން ބަންދުކޮށް ގިނަ އަދަދެެއްގެ ފުލުހުން އަންނަނީ މަޖިލިސް ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ ސަރަހައްދަށް ވަންނަން ފުލުހުން ފުރުސަތެއް ނުދެ އެވެ. އެ ސަރަހައްދުގައި ތިބި ނޫސްވެރިން ގެންދަނީ ބިލު ބޭރުކޮށްލަން ގޮވާލަމުންނެވެ.
ޖަލްސާ ބާއްވާ ގަޑިއާއި އެޖެންޑާ މަޖިލިސް މެންބަރުންނަށް ވެސް މިހާތަނަށް އަންގާފައެއް ނުވެ އެވެ. އެގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ މިއަދުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މެންބަރުންނަށް ލިބިފައި ނެތް ކަމަށެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަކީ ސަރުކާރުގެ ބިލެއް ނޫން ކަމަށް ބުނަމުން ދިޔަ ނަމަވެސް، ބިލް ދިފާއުކުރުމުގެ ހުރިހާ ކަމެއް ކުރަމުން ދަނީ ސަރުކާރުންނެވެ.
ނޫސްވެރިންނާއި އާންމުން ކޮމިޓީ އަށް ނުވައްދައި މި ބިލް އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ހަމައެކަނި ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީ އަޑުއަހަން ބޭނުންވާ މީހުން ވެއްދުމަކީ މަޖިލީހުގެ ގަވާއިދުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ބިލް ކޮމިޓީން ފާސްކުރީ އަޑުއަހަން ގޮސްތިބި ނޫސްވެރިންނާއި އާންމުން ކޮމިޓީއަށް ނުވައްދައި ސިއްރިޔާތުގަ އެވެ.
މަޖިލީހަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްފައި އޮތުމުން ނޫސްވެރިން މުޒާހަރާ ކުރަނީ މަޖިލީހަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްފައި އޮތުމުން ނޫސްވެރިން މުޒާހަރާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ