މާލެއާއި ވިލިމާލޭން 157 ބިމެއް ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވޭ
މާލެއާއި ވިލިމާލޭން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ތަފްސީލު މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފިއެވެ. ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ކައުންސިލުން ކުއްޔަށް ދީފައިވާ ތަންތަނާއި އެހެނިހެން ބިންތަކުގެ ދަފުތަރު އެކުލަވާލައި އެ ދަފުތަރު ބެލެހެއްޓުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ ކައުންސިލުން މާލެ ސަރަހައްދުން ކުއްޔަށް ދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވާލައިފައިވާ ލިސްޓްތައް އާންމުކުރީ ކަމަށް، އިއުލާނުގައިވެއެވެ. ކައުންސިލްގެ އިއުލާނާއެކު މާލެއާއި ވިލިމާލޭން ކުއްޔަށް ދޫކުރި ފްލެޓުތަކާއި ބިންބިމާއި ތަންތަނާއި ފައްތިޔާތަކާއި، މާލެއާއި ވިލިމާލޭގެ ލޯކަލް މާކެޓުތަކުން ކުއްޔަށް ދޫކުރި ގޮޅިތަކުގެ ތަފްސީލުތައް ވަނީ ވަކިވަކިން އާންމުކޮށްފައެވެ. ކައުންސިލްގެ ލިސްޓުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 162 ފްލެޓެއް ކުއްޔަށް ދޫކުރިއިރު، އޭގެ ތެރެއިން ހަތަރު ތަނެއް ހުރީ ހުހަށެވެ. އަދި 19 ފްލެޓެއް އަމިއްލަކޮށްފައިވާ ކަމަށް އެ ލިސްޓުގައިވެއެވެ. އަދި ފްލެޓުތައް ނުހިމަނައި، މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، މާލެއާއި ވިލިމާލޭގެ ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާއެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ. ހުޅުމާލޭން ކުއްޔަށް ދޫކޮށްފައި ހުންނަ ބިންބިމުގެ ތަފްސީލުތައް އާންމުކުރަނީ އެޗްޑީސީންނެވެ. މާލޭން ކުއްޔަށް ދޫކޮށްފައިހުރި ބިންތަކުގެ ތަފްސީލު ހާމަކުރުމަކީ މާލޭގެ މޭޔަރު އާދަމް އާޒިމްގެ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ