އެތެރެއިން: އަބްދުއްރަހީމްގެ މަގާމުގައި މިހާރު ފަލާހު؟

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް މިހާރު އެ ހުންނެވީ ވަރަށް އުހުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާ ވަރަށް އަރިހުގައެވެ. މިހާރު އެންމެ ބާރުގަދަ ކަމަށް މީހުން ގަބޫލުކުރަނީ ވެސް އޭނާގެއެވެ. ފެންނަނީ ވެސް އެ މަންޒަރެވެ. ދުރުން ބަލާ މީިހުންނަށް ފެންނަނީ މި ވެރިކަމުގެ ކުރީކޮޅު، މިހާރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އުޅުއްވި ގޮތެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާއިން ފެށިގެން ކޮންމެ ޕޯޑިއަމެއްގައި ވެސް އަބްދުއްރަހީމަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ. ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެންމެ ގާތުގައި އިންނެވީ އެ މަނިކުފާނެވެ. މަޖިލީހުގެ ރިޔާސަތަށް ވަޑައިގެން ފަހުން، އެ ގުޅުން ހައްތަހާ ވަރުގަދަވިއެވެ. ޕީއެންސީގެ ހުރިހާ ކަމެއްހެން ގެންދެވީ އެ މަނިކުފާނުގެ ދަށުންނެވެ. ސަރުކާރުގެ އެޓޭކްގައި ނުވަ ނަންބަރު ސްޓްރައިކަރަކީ އޭރު އަބްދުއްރަހީމެވެ. މި ސަރުކާރު އައިއިރުގައި އަބްދުއްރަހީމަކީ، ރައީސް މުއިއްޒުގެ އެންމެ ގާތް އެކުވެރިޔާއެވެ. ސަރުކާރުގެ ދިފާއުގައި މޭ އައްޑަނައަކަށް ނަންގަވައިގެން ހުންނެވި މަދަދުގާރެވެ. ވެރިކަމުގެ އާރާއި ބާރަށް ކުރެއްވި ދަތުރުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. ސެނެޓުގެ ވޯޓުން ޓިކެޓު ލިބިވަޑައިގަތުމުގެ ކުރީން ފެށިގެން އަރިހުގައި ހުންނެވި އެހީތެރިޔާއެވެ. https://sun.mv/202005 އެކަމަކު، ޖަނަވަރީ 28 ވަނަ ދުވަހުގެ އިރުއަރައިގެން އައިސް މީހުން ހޭލަމޭލަވެ އުޅެނިކޮށް ސިޔާސީ ހަމަހިމޭންކަމެއް ގެނުވީ އަބްދުއްރަހީމްގެ ދޮށީ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރެއްވި ޚަބަރުންނެވެ. "ވަކިކުރަން އެބައުޅޭ" ކިޔާތާ އެތައް ދުވަހެއް ފަހުން އެކަން ހިނގުމުންނެވެ. ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރުމަކީ ސަރުކާރުން އަބްދުއްރަހީމް ބޭރުކޮށްލުމެވެ. އެ ނޫން އިތުރު ވިސްނުމެއްގައި ހުރި މީހަކަށް އެ އޮތީ ހަގީގަތް އޮޅިފައެވެ. "އަޅުގަނޑުމެންނަށް އޮންނާނީ ހާލަތާއި ވަގުތަށް ކެތްތެރިކަމާ އެކު ކުރިމަތިލައިގެން ކުރިއަށް ދިޔުން،" މިއީ އެންމެ ފަހުން ސަރުކާރުގެ ޕޯޑިއަމެއްގައި ހުންނަވާ ވާހަކަފުޅުދައްކަވަން ލިބިވަޑައިގެން ފުރުސަތުގައި، އުފަން ރަށް ލ. ފޮނަދޫގައި ހުންނަވާ އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅުގެ ބައެކެވެ. ސިޔާސީ ވިސްނުމަކުން ވިސްނައިފި ނަމަ، އެ ދުވަހު އަބްދުއްރަހީމް ދެއްކެވި ބައެއް ވާހަކަފުޅުތަކުގެ ބައެއް ތަންކޮޅުތަކުން އެހެން މާނައެއް ދޭހަނުވެއެކޭ ނުދެންނެވޭނެއެވެ. އެ ވާނީ އޮޅުވާލުމަކަށެވެ. ޕީއެންސީން ބޭއްވި ދިވެހީންގެ ރާއްޖެ ޖަލްސާގެ ތެރެއިން: ރައީސްގެ އަރިހުގައި ހުންނެވިޔަސް އަބްދުއްރަހީމް ނެތް ފަދަ -- ސަން ފޮޓޯ/ މޫސާ ނަދީމް އެ މަނިކުފާނު އެ ދުވަހު އަދި ވިދާޅުވިއެވެ. "މިހާރު މި ކަހަލަ ޕޯޑިއަމެއްގައި އެއްޗެއް ބުނެލަން ވަރަށް ނުލިބެ"އެވެ. ހުންނެވި 'މަގާމުން' ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ. މާނައެއް އެނގިވަޑައިގަންނަވާނީ އަބްދުއްރަހީމަށެވެ. އެކަމަކު، ފެންނަން އޮތް ހަގީގަތް މުޅިން ބަދަލުވެއްޖެއެވެ. މިހާރު އެ މަގާމުގައި ފަލާހު؟ މި ސަރުކާރުގެ މި ދެންނެވި ހިސާބުގައި (ކުރީކޮޅު)، ދެ އަހަރު ފުރޭ ދުވަހު ވާހަކަދައްކާލަން އަބްދުއްރަހީމަށް ލިބިވަޑައިނުގަންނަވާނޭ މީހަކު ބުނި ނަމަ، ގިނަ މީހުން ގަބޫލެއް ނުކުރާނެއެވެ. އެކަމަކު، އެކަން ހިނގީ އެހެންނެވެ. ކުރިން އަބްދުއްރަހީމް ހުންނެވި މަގާމުގައި މިހާރު ހުންނެވީ ފަލާހެވެ. ދެ އަހަރު ފުރިގެން 14 ވަނަ ދުވަހު ރިކޯޑު ހަދަން ބޭއްވި ޖަލްސާގައި ވެސް ޖޯޝު ކައްކާލަން ފުރުސަތު ދިނީ ފަލާހަށެވެ. ގާތުގައި ހުންނެވިޔަސް އަބްދުއްރަހީމް ނެތް ފަދައެވެ. އެންމެން ދެއްކީ އެ ވާހަކައެވެ. އަބްދުއްރަހީމް ކޮބައިބާވައެވެ؟ އެ ތަނުގައި ހުންނެވިއެވެ. އެކަމަކު، ކުރިން ހުންނެވި ގާތް މަގާމުގައެއް ނޫނެވެ. ކިތަންމެ އަރިހުގައި ހުންނެވިޔަސް، ދެ ބޭފުޅުންގެ ގާތްކަން ކެނޑިފައި އޮތީމައެވެ. އަބްދުއްރަހީމް ސިޔާސީ ގޮތުން މަންމަންވެއްޖެއެވެ. "އަބްދުއްރަހީމް މި އަހަރު ފެށުނީއްސުރެ ސައިޑްލައިންކޮށްފައި ހުންނަނީ،" އެތެރެއިން ވާހަކަދެއްކެވި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅަކު ކިޔައިދެއްވިއެވެ. "މިހާރު ވާގޮތަކީ އަބްދުއްރަހީމް މަޑުމަޑުން ހުންނަވައިގެން އެތެރެއިން ބައެއް ކަހަލަ ދަތިތައް ކުރައްވަނީ. މަޖިލީހުގެ އެއްވެސް މަސައްކަތެއް އަބްދުއްރަހީމް ނުކުރައްވާ ކަމަށް އެނގިފައި އޮތީ. އެހެންވީމާ މަޖިލީހުގެ ހުރިހާ ކަމެއް ވެސް މިހާރު ކުރަނީ ފަލާހް. އަބްދުއްރަހީމްގެ ފަރާތުން ރައީސަށް އެއްބާރުލުމެއް ނުލިބޭ،" ރައީސް މުއިއްޒާއި އަބްދުއްރަޙީމް: ދެ ބޭފުޅުންގެ މެދުގައި އޮތީ ހިމޭން ނުތަނަވަސްކަމެއް -- ފޮޓޯ/ ރައީސް އޮފީސް ސިޔާސީ ގޮތުން އަބްދުއްރަހީމަށް އެ ވަރުގެ އަނިޔާއެއް ދިނުމުން މަގާމުގައި ހުންނަވާފާނެ ކަމަކަށް އެއްވެސް މީހަކު ހިއެއް ނުކުރެއެވެ. 'އެގްރެސިވް' ތަބީއަތެއް ހުންނެވި އަބްދުއްރަހީމް މަޑުމަޑުން ހުންނަވާނޭ އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. އެކަމަކު، ގޮތް ހުސްވެ، ބާކީވެފައި ހުންނެވި އަބްދުއްރަހީމް މަޑުމަޑުން ހުންނެވީ ހިކުމަތުންނެވެ. އަދިވެސް މަޖިލީހުގެ ރިޔާސަތުގައި އެ އިންނެވީ އެހެންވެއެވެ. ރިޔާސަތުގައި އަބްދުއްރަހީމް އިންނެވިޔަސް، އެ މަނިކުފާނުގެ ސިޔާސީ މަގާމުގައި މިއަދު ހުންނެވީ ފަލާހެވެ. "މަޖިލީހުގައި މިހާރު ކުރަންޖެހޭ ގިނަ މަސައްކަތްތައް ކުރަނީ ސީދާ ފަލާހް. ކުރިން އަދުރޭ ފިލްކުރި ރޯލް މިހާރު އަސްލު ފިލް ކުރަނީ ފަލާހް. ސަރުކާރު ދިފާއުކުރަން ވިޔަސް، މަޖިލީހުގެ ތެރެއިން ކަމެއް ކުރަން ވިޔަސް، ސިޔާސީ މީހަކަށް އެއްޗެއް ބުނަން ޖެހުނަސް، ޕާޓީގެ ކަންކަން ވެސް، ކޮންމެ ކަމެއް އެ ކުރަނީ ފަލާހް،" ޕީއެންސީގެ މެންބަރަކު، ނަން ހާމަނުކުރައްޗޭ ވިދާޅުވެފައި ކިޔައިދެއްވިއެވެ. https://sun.mv/214103 އުފާ ފާޅުކުރަން 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވެސް ވާހަކަދެއްކެވީ ފަލާހެވެ. އޭގެ ކުރިން 14 ވަނަ ދުވަހުގެ ޖަލްސާގައި ވެސް ފުރުސަތު ލިބިވަޑައިގަތީ ފަލާހަށެވެ. އަބްދުއްރަހީމަކީ މިހާރު ހަމައެކަނި ފެންނަން ހުންނަ މޫނެކެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވިޔަސް، ހަގީގީ ބާރުވެރިކަމެއް ނެތެވެ. ސަރުކާރުގައި އޭނާގެ މަގާމު ގެއްލިއްޖެއެވެ. އެ މަގާމު މިހާރު އަދާކުރައްވަނީ ފަލާހެވެ. ޕާޓީގެ ކަންކަމުގައި އިސްވެ އުޅުއްވަނީ ވެސް ފަލާހެވެ. ޗެއާޕާސަންގެ މަގާމުގައި އަބްދުއްރަހީމް ހުންނެވިޔަސް، އެ ބާރުވެރިކަން މިއަދު އޮތްތަން ފެންނަނީ ފަލާހްގެ އަތްޕުޅުގައެވެ. މަޖިލީސް ރައީސްކަމުން ވަކިކޮށްފާނެތަ؟ އަބްދުއްރަހީމް އެ އިންނެވި ރިޔާސަތާ މެދު މީހުންގެ ސުވާލު އުފެދުނީ ޖަނަވަރީ 28 ވަނަ ދުވަހުގެ ހެނދުނެވެ. އެ ފަހުން އެކި މީހުން އެކި ވަރަށް އަބްދުއްރަހީމް ވަކިކުރަން އެބައުޅެޔޭ ވިދާޅުވެއެވެ. އެކަމަކު، އެ މަނިކުފާނު އަދިވެސް އެ އިންނެވީ ރިޔާސަތުގައެވެ. މަޖިލީހުގެ ރައީސްކަމުގައެވެ. "ކުއްލިއަކަށް އަބްދުއްރަހީމް ވަކިކޮށްފާނެ ހެނެއް ހިއެއް ނުވޭ ގޯހެއް ފާޅުގައި ނުހައްދަވަންޏާ. ސަބަބަކީ، ސަރުކާރުން ބޭނުން ކޮންމެ ކަމެއް މަޖިލީހުގެ ތެރެއިން މިހާރު ވެސް ކުރެވޭނެ. އެހެންވީމާ ސިޔާސީ ގޮތުން ލިބޭ ޑެމޭޖަށް ބަލާފައި އެކަން ކުރަންޖެހޭ ސަބަބެއް ނެތް،" ސިޔާސީ ކަންކަން ދިރާސީ ނަޒަރަކުން ބައްލަވާ ބޭފުޅަކު އޭނާގެ ޚިޔާލު ދެއްވިއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަޙީމާއި ރައީސް މުއިއްޒު: މަޖިލީސް އޮތީ ރައީސްގެ ކޮންޓްރޯލްގައި -- ފޮޓޯ/ މަޖިލީސް މަޖިލީހުގެ ރިޔާސަތު މި ވަގުތަށް މުހިންމެއް ނޫނެވެ. މުހިންމީ ސިޔާސީ މަގާމެވެ. ބާރުވެރިކަމެވެ. އަބްދުއްރަހީމް ކުރިން ހުންނެވި ސިޔާސީ މަގާމާއި ބާރުވެރިކަން އެ މަނިކުފާނަށް މިއަދު ގެއްލިއްޖެއެވެ. އެ މަގާމަށް ފަލާހް "އައްޔަން" ވެސް ކުރައްވައިފިއެވެ. "ރައީސް ޓްރަސްޓެއް ނުކުރައްވާ އަދުރޭއަކަށް. ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބައްލަވަނީ އެހެންވެ،" ޕީއެންސީގައި ހިނގާ ކަންކަން އެނގިވަޑައިގަންނަވާ އެތެރޭގެ ބޭފުޅަކު، އަދާކުރައްވާ ވަޒީފާގެ ސަބަބުން ކާކުކަން ނާންގާން ޝަރުތުކޮށް ވިދާޅުވިއެވެ. ސިޔާސީ ގޮތުން އަބްދުއްރަހީމްގެ ގަތުލާ އެކު ހުސްވި ބާރުގަދަ މަގާމަށް ފަލާހް އިސްކުރެއްވުމަކީ އެތައް ގޮތަކުން މެސެޖެކެވެ. އަބްދުއްރަހީމްގެ މަގާމަށް ފަލާހަށް ވުރެ ވަކި ކުފޫ ހަމަވާ މީހަކު ވެސް ނުހުންނާނެތާއެވެ. އެއީ ސިޔާސީ ގޮތުން "އެއްވަރުގެ، އަރާ ތިއްބެވި" ދެ ބޭފުޅުންނެވެ. މިއީ ބަދަލުވަމުންދާ ދުނިޔޭގައި ބަދަލުނުވެ އޮތް އާދައެވެ. ސިޔާސީ ތަބީއަތެވެ. ކުރިން އަބްދުއްރަހީމް ހުންނެވި މަގާމުގައި މިއަދު އެ ހުންނެވީ ފަލާހެވެ. އެއީ ފެންނާން އޮތް ހަގީގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ