ޕީއެންސީއަށް ދޭ ވޯޓަކީ މާލޭގެ ތަރައްގީއަށް އާނއެކޭ ބުނުން: މޫސާ ޖަލީލް

ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޕީއެންސީއަށް ދޭ ވޯޓަކީ މާލޭގެ ތަރައްގީއަށް އާނއެކޭ ބުނުމަށް ދެވޭ ވޯޓެއް ކަމަށް ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.
މިރޭ އޮތް ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާ ޖަލީލް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް މާލޭގެ ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޭ ކޮންމެ ވޯޓަކީ ހިތްފަސޭހަ މަގުމައްޗެއް އުފައްދައި އިންތިޒާމުކުރުމަށް އާނއެކޭ ބުނުމުގެ ވޯޓެއް ކަމަށެވެ.
އަދި އެއީ މާލޭ ސިޓީ ކައުންސިލަށް ހަރުދަނާ ޒަމާނީ އިދާރީ ހިންގުމަކަށް އާނއެކޭ ބުނުމުގެ ވޯޓެއް ކަމުގައި ވިދާޅުވި އެވެ.
"ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ދެއްވާ ވޯޓަކީ، މާލެ ސިޓީގެ ތަރައްޤީއަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ބިންވެރި ރައްޔިތެއްކަމުގައިވުމަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ޗާލު މާލެއެއް ދުށުމަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ހިތްފަސޭހަ މަގުމައްޗެއް އުފައްދައި އިންތިޒާމުކުރުމަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ފުދުންތެރި ދިރިއުޅުމަކަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ޑިޖިޓަލް މާލެއެއް ގާއިމުކުރަން އާނއެކޭ ބުނުމުގެ ވޯޓު. އަދި އެއީ މާލޭ ސިޓީ ކައުންސިލަށް ހަރުދަނާ ޒަމާނީ އިދާރީ ހިންގުމަކަށް އާނއެކޭ ބުނުމުގެ ވޯޓު. ހަމަ އެހެންމެ އެއީ ކުޑަކުދީންނާއި ޒުވާނުންނާއި ހަރުމީހުންނާއި އިސްރަށްވެހީންނަށް އަމާންކަމާއި އުފާވެރިކަމާއި ކުރިއެރުން އިޙްސާސްކޮށްދޭނެކަން ކަށަވަރުވާ ވޯޓު," މޫސަ ވިދާޅުވި އެވެ.
މޭޔަރު ކެންޑިޑޭޓް، ރައީސްއާ ސަލާމް ކުރައްވަނީ 
މޫސާ އަލީ ޖަލީލް ވިދާޅުވީ މާލެއާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަސައްވުރެއް އެބައޮތް ކަމަށެވެ. އަދި އެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި ފުރިހަމަ އެހީތެރިކަން ދޭނެ މޭޔަރަކަށް އެމަނިކުފާނު ވެވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.
"މާލެ ސިޓީއަށް ބަލާއިރު، ގުރޭޓަރ މާލޭ ތަޞައްވުރެއް އެބަ އޮތް. މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު، ރަސްމާލެ؛ އާދެ! މި ހުރިހާ ތަނެއް ހިމެނޭ ބޮޑު މާސްޓަރ ޕްލޭނެއްގެ ދަށުން އެތައް މަސައްކަތެއް ސަރުކާރުން އެދަނީ ކުރައްވަމުން.ބިންތައް އެ ދަނީ ހިއްކެމުން. ރާއްޖެ ދުވަހަކު ނުދެކޭ ވަރުގެ ބޮޑު އުމްރާނީ އިންފްރާސްޓްރަކްޗަރއެއް އެ ދަނީ އުފެދެމުން. އެއާ އެކީ މުޅި މާލޭ ސަރަހައްދުގެ ޖިއޮގްރަފީ ބަދަލުވެގެންދާނެ. ދަތުރުފަތުރާއި ވިޔަފާރިއާ އެހެނިހެން ހުރިހައި ކަމެއް މުޅިން އެހެން ދަރަޖައެއްގައި ހިނގަންފަށާނެ. ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ބިންވެރިކަމާއި ބޯހިޔާވަހިކަމުގެ ހިތްފަސޭހަ އާ ޒަމާނެއް ކޮންމެ ރައްޔިތަކަށް ކަށަވަރުވާނެ," މޭޔަރު ކެންޑިޑޭޓް ވިދާޅުވި އެވެ.
މޫސާ އަލީ ޖަލީލް ވިދާޅުވީ އިރާދަކުރެއްވިޔާ މާލެ ސިޓީގެ ކޮންމެ ރައްޔިތަކަށް ކޮންމެ އާއިލާއަކަށް ކޮންމެ ގޭބީސީއަކަށް ދެން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. އެ ދުވަސް ހޯދުމަށް ހުރިހާ ރައްޔިތުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ