ޑުރަގު ވިޔަފާރިކުރާ މީހުންނަށް މިހާރަށް ވުރެ ހަރުކަށި އަދަބު ދޭނެ ގޮތެއް ހޯދަން ދިރާސާ އެބަކުރަން: އުޝާމް
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މިހާރަށް ވުރެ ހަރުކަށި އަދަބު ދެވޭނެ ގޮތެއް ހޯދުމަށް ދިރާސާކުރަމުން އަންނަ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަނައިބު ވިދާޅުވީ، ގާނޫނުގައި ހުރި "ބާގަނޑުތައް" ބެއްދުމަށް މިދިޔަ ދެ އަހަރު ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން، މަސްތުވާތަކެތީގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެ ގާނޫނުގައި ހުރި "ބާގަނޑުތައް" ހޯދައިގެން އެ މައްސަލައަށް ހައްލެއް ގެނައުމަށް ޓަކައި ކަމަށް އުޝާމް ވިދާޅުވިއެވެ. ރައީސް މުއިއްޒާއި ބަންޑާރަ ނައިބު އުޝާމް: ބަންޑާރަ ނައިބު ވިދާޅުވީ، ޑުރަގު ވިޔަފާރިކުރާ މީހުންނަށް މިހާރަށް ވުރެ ހަރުކަށި އަދަބު ދޭނެ ގޮތެއް ހޯދަން ދިރާސާ އެބަކުރަން ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް އެ އިސްލާހު ވެސް މި ދައުރުގެ ތެރޭގައި ފާސްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގައި މިހާރު ކޮމިޓީ ސްޓޭޖުގައި [އޮތް] މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރުމުގެ ބިލު މިއޮތީ. އަޅުގަނޑުމެން އިތުރަށް ވެސް ރިސާޗު އެބަކުރަން މި މައްސަލައިގެ ހައްލެއް ހޯދުމަށް ޓަކައި މި ކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މިހާރަށް ވުރެ ހަރުކަށި އަދަބު ދެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް ޓަކައިބަންޑާރަ ނައިބު އަހުމަދު އުޝާމް ސަރުކާރުގެ މަގުސަދަކީ، އަދަބުތައް ހަރުކަށި ކޮށްގެން ޒަމާންވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށް ބަންޑާރަނައިބު ތަކުރާރުކޮށް، ވިދާޅުވިއެވެ. މިދިޔަ ޖުލައި މަހުގެ 30ގައި ރައީސް ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ހިމެނުމަށް، އެކަން ދިރާސާކުރަން އަންގަވައިފައިވާކަން އިއުލާންކުރައްވައިފައެވެ. އޭގެފަހުން، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ރާއްޖޭގައި އުޅެން އުނދަގުވާ ވަރަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވާފައެވެ. https://sun.mv/213872 ރާއްޖެއަށް ޑުރަގު ޓްރެފިކްކުރާ މީހުން ގައުމުން ބޭރުން ވެސް ހޯދައި، އެ މީހުންގެ ފަހަތުން ދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވެސް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ގާނޫނުލްއުގުބާތުގައި، މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދެވޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ. އަދި މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ. ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ