ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ނެގޭ ގޮތް ހަދަނީ

ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ގާނޫނަށް އިސްލާޙު ގެންނަން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޕެންޝަން ފަންޑާއި ގުޅިގެން އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޤާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވުމުން ގާނޫނަށް އެ އިސްލާހު ގެނައުމަށް ހުށަހަޅާނެ ކަމަށެވެ. އަދި ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް މިހާރުވެސް ބައެއް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް، އާދެ އެޚާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ، އެހެންވީމަ މިހާރަށްވުރެ ގިނަ ފުރުޞަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް ޤާނޫނަށް އިސްލާހު އެބަ ހުށަހަޅަން" ރައީސް ވިދާޅުވި އެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް ހާމަކުރައްވާފައެއް ނުވެ އެވެ.
ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ހަދަން ޕެންޝަން ގާނޫނު އިސްލާހު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ