އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން، ގަލްފުގައި ތިބި އެމެރިކާގެ ބައިވެރިންނަށް އީރާނުން ރައްދު ހަމަލާ ދީފާނެކަމުގެ އިންޒާރު އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ރައީސް ޑޮނަލްޑް ޓްރަމްޕަށް ދީފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
މިއީ އެފަދަ ހަމަލާތަކަކީ ކުއްލި ސިހުމެއް ލިބުނު ކަމެއް ކަމަށް ވިދާޅުވެ ޓްރަމްޕް ކުރައްވާ ދައުވާއާ ފުށުއަރާ ކަމެކެވެ.
އެއް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، އީރާނުގެ ރައްދު ހަމަލާއަކީ ޔަގީން ކަމެއް ނޫން ނަމަވެސް، އެއީ ކުރިމަތިވެދާނެ ކަންތައްތަކުގެ ލިސްޓުގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން މަސައްކަތް ކޮށްފާނެ ކަމުގެ އިންޒާރު ވެސް އިންޓެލިޖެންސް އިދާރާތަކުން ދީފައިވާ ކަމަށް އެހެން އޮފިޝަލަކު ފާހަގަކުރެއްވި އެވެ.
ނަމަވެސް، ޓްރަމްޕް ވިދާޅުވަމުން ގެންދެވީ އެ ރައްދު ހަމަލާއަކީ ހީނުކުރާ ކަމެއް ކަމަށެވެ. ގަތަރު، ސައުދީ އަރަބިއްޔާ، ޔުއޭއީ، ބަހްރޭން އަދި ކުވެއިތު ހިމެނޭ ގޮތަށް ގަލްފުގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، "އެކަމަށް އެއްވެސް މީހަކު އުންމީދެއް ނުކުރޭ. އަހަރެމެން ތިބީ ސިހުމެއްގެ ތެރޭގައި" ކަމަށެވެ.
މިދިޔަ މަހުގެ 28ގައި މި ހަމަނުޖެހުން ފެށުނީއްސުރެ، އީރާނުގެ ޑްރޯންތަކާއި މިސައިލްތަކުން ވަނީ ގަލްފުގެ އެކި ސަރަހައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ހަކަތަ އުފައްދާ ތަންތަނަށާއި އެއާޕޯޓްތަކުގެ އިތުރުން އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ހަމަލާދީފަ އެވެ. އަދި ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %20 އުފުލާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ވަނީ ބޮޑުތަނުން ހުއްޓިފަ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، ހަނގުރާމައިގެ ކުރިން ހެދި އިންޓެލިޖެންސް ވަޒަންކުރުންތަކުގައި ސަރަހައްދީ ފުޅާ ހަނގުރާމައެއްގެ ނުރައްކާ އޮތްކަން ފާހަގަކޮށްފައިވެ އެވެ. ހާއްސަކޮށް، އެމެރިކާގެ ހަމަލާތަކަށް ގަލްފުގެ ގައުމުތަކުން އެހީތެރިވާ ކަމަށް އީރާނަށް ގަބޫލުކުރެވިއްޖެ ނަމަ މި ނުރައްކާ ބޮޑުވާނެ ކަމަށް ބުނެފައިވެ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ވަނީ މި ހަނގުރާމައިގެ ސަބަބުތަކާ މެދު ސުވާލު އުފައްދާފަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، އަސްކަރީ ފިޔަވަޅެއް އަޅަންޖެހޭ ފަދަ ކުއްލި ނުރައްކަލެއް އޮތްކަން ބްރީފިންތަކުން ހާމައެއް ނުވެ އެވެ.
މި ރިޕޯޓްތަކާ ގުޅިގެން ވައިޓް ހައުސްއިން އެއްވެސް ޖަވާބެއް ދީފައި ނުވާއިރު، އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ވަނީ މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން އިންކާރުކޮށްފަ އެވެ.
ގަލްފުގެ ގައުމުތަކަށް އީރާނުން ރައްދު ހަމަލާ ދީފާނެކަމުގެ އިންޒާރު ޓްރަމްޕަށް ދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ