‎މަކާއޯގައި 70 އަހަރުގެ އަންހެނަކު ބިރުގަންނުވައިގެން ރޮބޮޓެއް "ހައްޔަރުކޮށްފި"

ޗައިނާގެ މަކާއޯގައި 70 އަހަރުގެ އަންހެނަކު ބިރުގަންނުވައިގެން ހިއުމަނޮއިޑް (އިންސާނަކާ ވައްތަރު) ރޮބޮޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ‎މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، އެ އަންހެން މީހާ މަގުމަތިން ހިނގާފައި ދަނިކޮށެވެ. ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ޔުނިޓްރީ ޖީ1" (Unitree G1) މޮޑެލްގެ މި ރޮބޮޓް އަންހެން މީހާގެ ފަހަތުގައި މަޑުކޮށްލީ އޭނާ ފޯނު ބަލަން ހުއްޓައެވެ. ކުއްލިއަކަށް ރޮބޮޓް ފެނުމުން އެ އަންހެން މީހާ ވަރަށް ބޮޑަށް ބިރުގަނެ، ހަޅޭއްލަވަން ފެށިއެވެ. އޭނާ ބުނި ގޮތުގައި ރޮބޮޓް ފެނުމުން އޭނާގެ ހިތުގެ ތެޅުން ވަރަށް ބާރުވިއެވެ. އޭނާއަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. https://x.com/cyberrobooo/status/2030290624084332944?s=46&t=Jgjb98dCY3RHGmsRrrhxIA މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު ދަނީ ރޮބޮޓް "ހައްޔަރުކުރި" ކަމަށް ބުނެ ސަމާސާކުރަމުންނެވެ. ނަމަވެސް، އާންމު ތަންތަނުގައި މިފަދަ ރޮބޮޓްތައް ބޭނުންކުރުމުގެ ރައްކާތެރިކަމާ މެދު ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ރޮބޮޓަކީ އެ ސަރަހައްދުގެ ތައުލީމީ މަރުކަޒަކުން ޓެސްޓްކުރަމުންދިޔަ އެއްޗެކެވެ. ފުލުހުން ވަނީ ރޮބޮޓް ކޮންޓްރޯލްކުރަން ހުރި 50 އަހަރުގެ މީހާއަށް ނަސޭހަތްތެރިވެ، އާންމު ތަންތަނުގައި ރޮބޮޓް ބޭނުންކުރުމުގައި މިއަށްވުރެ ބޮޑަށް ސަމާލުވުމަށް އަންގާފައެވެ. އެއަށްފަހު ރޮބޮޓް ވަނީ އަނބުރާ އޭނާއާ ހަވާލުވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ