ކާބުލްއަށް ދިން ހަމަލާއެއްގައި 400 މީހުން މަރުވެ، ޕާކިސްތާން-އަފްގާނިސްތާން ކުރިމަތިލުންތައް ވަރުގަދަވެއްޖެ

ކާބުލްގައި ހުންނަ މަސްތުވާތަކެއްޗަށް ފަރުވާދޭ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 400 މީހުން މަރުވެ 250 މީހުން ޒަހަމްވެފައިވާ ކަމަށް އަފްގާން ތާލިބާން އޮފިޝަލުން މިއަދު ވިދާޅުވެއްޖެ އެވެ.
ތާލިބާނުންގެ ނައިބު ތަރުޖަމާނު ހަމްދުﷲ ފިތުރަތު ވިދާޅުވީ މި ހަމަލާ އަމާޒުވީ ސަރުކާރުން ހިންގާ ހޮސްޕިޓަލަކަށް ކަމަށެވެ.
"ހޮސްޕިޓަލުގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފައި... މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 400އަށް އަރާފައި،" އޭނާ ވިދާޅުވި އެވެ.
އެމްބިއުލާންސް ޑްރައިވަރަކު އެ ހާދިސާ ހިނގި ސަރަހައްދު ސިފަކުރަމުން ބުނީ، "ހުރިހާ އެއްޗެއް ދިޔައީ އަނދަމުން، މީހުން ދިޔައީ އަނދަމުން... އަދިވެސް އިމާރާތުގެ ކުނިތަކުގެ ދަށުގައި ގަބުރުތައް އެބަހުރި،" ކަމަށެވެ.
ޕާކިސްތާނުން މި ތުހުމަތުތައް ދޮގުކޮށް، އެއީ ހަގީގަތް އޮޅުވާލުން ކަމަށް ބުނެފައިވެ އެވެ. އެ ގައުމުން ބުނީ ހަމަލާ އަމާޒުކުރީ އަސްކަރީ މަރުކަޒުތަކަށާއި ޓެރަރިސްޓުންނަށް އެހީތެރިވާ އިންފްރާސްޓްރަކްޗަރަށް ކަމަށާއި އާންމުންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާނެ ކަމަށެވެ.
މި ހަމަލާ ދީފައިވަނީ ދެ ގައުމުގެ ދެމެދުގައި އަލުން ހަމަނުޖެހުންތައް ފެށިފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ކުރިން މިދިޔަ މަހު ވެސް 2,600 ކިލޯމީޓަރުގެ ބޯޑަރު ސަރަހައްދުގައި ހަނގުރާމަވެރިންގެ ހަރަކާތްތަކާ ގުޅިގެން ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ.
އިސްލާމްއާބާދުން ތުހުމަތުކުރާ ގޮތުގައި ކާބުލްއިން ދަނީ ހަނގުރާމަވެރިންނަށް ހިމާޔަތް ދެމުންނެވެ. ނަމަވެސް ތާލިބާނުން މި ތުހުމަތު ދޮގުކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އދ.ގެ ސްޕެޝަލް ރެޕަޓުއާ ރިޗަޑް ބެނެޓް ވަނީ ދެ ފަރާތުން ވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވާފަ އެވެ.
"އަޅުގަނޑު ދެ ފަރާތަށް ވެސް ގޮވާލަން މަަސްރަހު ފިނިކުރުމަށް... އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމަށް، އޭގެ ތެރޭގައި އާންމުންނާއި ހޮސްޕިޓަލް ފަދަ ތަންތަން ރައްކާތެރިކުރުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މި ހަމަނުޖެހުންތައް އިތުރުވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ