ދަރިންގެ ކިބައިން މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ވިސްނެނީ ވަރަށް މަދުބެލެނިވެރިންނަށެވެ. އެހެންވެ ކިޔަވައި ދެވެނީ އެކަމަށް ސަމާލުކަން ނުދެވިއެވެ. ދަރިފުޅު ކޮންމެ ދާއިރާއަކުން ކުރިއަރަން ޝައުޤުވެރިކަން ހުރިނަމަވެސް މިދަންނަވާ ކަންކަމަށް ވިސްނަވާލައްވައިގެން ތަރުބިއްޔަތުކުރެއްވުމުން ލިބިލއްވާނެ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ
ދުނިޔޭގެ ހުރިހާ ޤައުމުތަކުގައިވެސް ރިވެތިކޮށް ބަންގޮވާ ކުދިންނަށް ބަންގިގޮވަންވެސް ފުރުޞަތުދެއެވެ. ރިވެތިކޮށް ކިޔަވާ ކުދިންނަށް އިމާމްވެ ނަމާދުކުރުމުގެ ފުރުޞަތު ދެއެވެ. ބޮޑެތި މީހުން އެކުދިންގެ ފަހަތުގައި ނަމާދުކުރެއެވެ.
އެއީ ވަރަށް މުހިންމު މަޤްޞަދެއްގައި ކުރާ ކަމެކެވެ. އެކުދިންނަކީ މާދަމާގެ ބޮޑެތި އިމާމުން ކަމަށް ހަދަން މަސައްކަތް ކުރުމެވެ. ކުޑައިރު އިމާމްވެ ނަމާދުކުރަން ފުރުޞަތު ލިބުމަކީ ބޮޑުވުމުން އިމާމަކަށްވުމަށް ކުދިން ޝައުޤުވެރިވާނޭ ކަމަކަށްވާތީއެވެ.
ރާއްޖޭގައިވެސް މިކަން އޮތީ މިގޮތަށެވެ. ބައެއް ބޮޑެތި މިސްކިތްތަކުގައި ބައިކާ ހަމައަށް ކިރިޔާ ބޯއަރާވަރުގެ ކުދިން ލައްވައި ބަންގި ގޮވައެވެ. އެކުދިންނަށް ފުރުޞަތު އެދެނީ މިބުނިފަދަ މަޤްޞަދުގައެވެ. އެއީ ވަރަށް ރަނގަޅު މަޤްޞަދެކެވެ.
މިފަދަ ބައެއް ކުދިން ބޮޑެތިވެ ރަމަޟާންމަހުގެ ތަރާވީޙްނަމާދާއި ދަމުނަމާދުކުރާތަންވެސް މިދަނީ ފެންނަމުންނެވެ. ނިކަން ވިދާޅުވެބައްލަވާށެވެ! މިފަދަ ކުދިންގެ މައިންބަފައިން ކަމުގައިވުމަށްވުރެ ބޮޑު ފަޚުރަކީ އަދި އުފަލަކީ ކޮބައިހެއްޔެވެ؟ އެންމެ ބޮޑަށް މަސައްކަތްކުރަންވީ ތިމާމެންގެ ދަރިފުޅަކީ އެފަދަ ކުއްޖަކަށް ހަދަން ނޫންތޯއެވެ؟
ކީރިތި ޤުރްއާން ރިވެތިކޮށް ތަޖުވީދުމަގުން ކިޔަވާ އަޑުއަހަން ލިބުމަކީ ނަމާދުގައި ވެސް މީހާއަށް ލިބޭ ހިތްހަމަޖެހުން އިންތިހާއަށް އިތުރުވެގެންދާ ކަމެކެވެ. ނަމާދުގެ ތެރެއަށް އިތުރަށް ފީނައިލެވި ގެނބިގެންދާ ކަމެކެވެ.
މިއަދު ރާއްޖޭގައި ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުން އެގެންދަނީ ހުކުރުކުރަމުންނެވެ. އިމާމްވެ ނަމާދުކުރަމުންނެވެ. މިކަމުން މައިންބަފައިންނަށް ލިބިލައްވާނެ އުފާވެރިކަން އިޙްޞާޞްކުރެއްވޭނީވެސް އެފަދަ ނަޞީބަށް އެދިލއްވައިގެން އެކަމަށް މަސައްކަތްކުރައްވާ ބެލެނިވެރިންނަށެވެ.
މިކަންކަން ބެލެނިވެރިންގެ ސަމާލުކަމަށް ގެންނަން މިއަދުނޫހުން ވަރަށް ކުރިންސުރެ މަސައްކަތްކުރަމުއެވެ. ޒުވާން ޚަޠީބުން ތަމްރީނުކުރަން މިސަރުކާރުން ފެށުމުގެ މާކުރިންވެސް މިއަންނަނީ އެ މަސައްކަތްކުރަމުންނެވެ. އިން ޝާ ﷲ
ދަރިންގެ ކިބައިން ލިބޭނެ އެންމެ ބޮޑު އުފާ ވިސްނެނީ މަދުބައަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ