އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ފަށައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ނިސްބަތްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ. ލޮލުގެ އެންމެ ނާޒުކު ބައިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކުރެވިފައިވާ މި ޚިދުމަތަކީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ހޯދުނު މުހިންމު ކުރިއެރުމެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މި ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ފެށުމާއެކު، ލޮލުގެ ފަހަތުގައިވާ އަލި އިހުސާސްކުރާ ފަށަލަ ނުވަތަ ރެޓިނާގެ އިތުރުން ލޯފުރާފައިވާ ސާފު ޖެލް (ވިޓްރިއަސް ހިއުމަރ) ގައި ދިމާވާ ސީރިއަސް މައްސަލަތައް ހައްލުކުރުމަށް މިހާރު ރާއްޖޭގައި ފަރުވާ ލިބޭނެއެވެ. ކުރިން މިފަދަ ފަރުވާތަކަށް ބޭރުގެ ޤައުމުތަކަށް ދަތުރުކުރަންޖެހުނު ނަމަވެސް، މި ޚިދުމަތް ފެށުމާއެކު ރައްޔިތުންނަށް ދިމާވާ ބުރަ ކުޑަވެ، ފަރުވާ ލިބޭނެ ނިސްބަތް ބޮޑުވެގެންދާނެއެވެ.
މި ޚިދުމަތްތައް ދެމުންގެންދަނީ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން، ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނަލް ސަރޖަރީ، ޑޮކްޓަރ މުހައްމަދު އައްޒާމްގެ ތަޖުރިބާގެ ދަށުންނެވެ. ޑޮކްޓަރ އައްޒާމަކީ މި ދާއިރާއިން ޚާއްސަ ތަމްރީނު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މި ކާމިޔާބީއާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ ހޮސްޕިޓަލްތަކަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ، މި ދެ އަހަރު ދުވަހުގެ މަސައްކަތުން ހާސިލުވި އަގުހުރި ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ މި ޚިދުމަތް ފަށައިގަތުމުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވިއެވެ: "މި ކާމިޔާބީ ހަޤީޤަތަކަށް ހެއްދެވުމުގައި އެހީތެރިވެދެއްވި ޑޮކްޓަރ އައްޒާމަށާއި، އޮފްތަލްމޮލޮޖީ ޓީމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ."
މި ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ފެށުމާއެކު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ޤައުމީ ފެންވަރުގައި ލޮލުގެ އެންމެ ފުރިހަމަ އަދި ޚާއްސަ ފަރުވާތަކުގެ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ